އިންސާނާގެ ހަގީގީ ކާމިޔާބީއާއި ބާއްޖެވެރިކަން ވަނީ މާތް ﷲ އަށް ފުރިހަމަ މާނާގައި އީމާންވުމުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ އީމާންކަމަކީ އިސްލާމް ދީނުގެ އަސާސެއް ކަމަށާއި އިންސާނާއަށް ދުންޔަވީ ހަޔާތުގެ އުފަލާއި އަރާމު އަދި އުޚްރަވީ ހަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާ ކޮށްގެން ކަމަށެވެ. މާދިއްޔަތުގެ ތެރެއަށް ހުސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ ނުބައި މަގުން ދެވުމަކީ ވަރަށް ކައިރި ކަމެއް ކަމަށާއި، އަދި މީހާގެ އުޅުމާއި އަމަލުތަކުގެ ސަބަބުންވެސް އީމާންކަން ބަލިކަށިވެގެން ދާނެކަމަށް ޚުތުބާގައި ބުންޏެވެ.
ހަގީގީ މާނައިގައި މާތް ﷲ އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުއޫރުތަކާއި، ބާއްޖަވެރިކަމުގެ އިހުސާސްތައް އުފައްދާ ކަމެއް ނަމަވެސް، މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން އިވޭ އަޑަކީ ދީނީ ވާޖިބުތައް އަދާކުރަމުން ދާއިރުވެސް ވަރަށް ފަސޭހައިން މާތް ﷲ ހަރާމް ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެވޭ ވާހަކަ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއީ ކުރިމަތިވެފައިވާ ވަރަށް ބޮޑު މުސީބާތެއް ކަމަށާއި، އީމާންކަން ބަލިކަށިކަމުގެ އަލާމާތެއް ކަމަށް ބުންޏެވެ.
"މިއަދު އަހަރެމެންގެ މުޖުތަމަޢުގައިވެސް މާރަމާރީއާއި، ވައްކަމާއި، ހިޔާނާތައި، އެކަކު އަނެކަކަށް ފުރައްސާރަކުރުން ވަނީ އިތުރުވެފައި. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ބަދުއަހުލާގީ އަމަލުތައް ހިންގުން ވަނީ ހައްދު ފަހަނައަޅާ ގޮސްފައި. މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން ވަނީ އާއްމުވެފައި."
ޚުތުބާގައި ބުނީ މުޖުތަމައު އިސްލާހުކޮށް، މަސްތުވާތަކެތި ފަދަ ބޮޑު ޖަރީމާތަކުންނާއި، ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތް ކުރެވޭނީ އީމާންކަމުގެ އަގީދާ ވަރުގަދަކޮށް، ޣައިބުގައިވާ އެންމެހާ ކަންތައްތަކަށް ފުރިހަމައަށް އީމާން ވެގެން ކަމަށާއި، މާތް ﷲ ގެ ހަޟްރަތަށް ރުޖޫއަވެ، އެކަލާނގެއާއި އިންސާނާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށްގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް