މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން އެދި، ހިތްހަމަޖެހުން ހޯދުމަށް ގިނައިން ދުޢާކުރައްވާ: އިބްރާހީމް މެންކް

މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ބޭނުންވާނަމަ އެކަލާނގެ އަންގަވާފައިވާ މަގުގައި ސާބިތުވެ ދެމިތިބުމުގެ ތަޢުފީޤުދެއްވުމަށް ވީހާވެސް ގިނައިން އެކަލާނގެ ހަޟްރަތުގައި ދެންނެވުމަށް އައްޝައިޚް އިބްރާހީމް މެނ...

12 Apr 2022 | 06:06

މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ބޭނުންވާނަމަ އެކަލާނގެ އަންގަވާފައިވާ މަގުގައި ސާބިތުވެ ދެމިތިބުމުގެ ތަޢުފީޤުދެއްވުމަށް ވީހާވެސް ގިނައިން އެކަލާނގެ ހަޟްރަތުގައި ދެންނެވުމަށް އައްޝައިޚް އިބްރާހީމް މެންކް ވިދާވެއްޖެއެވެ.

ރޭ ހުޅުމާލެ ޣާޒީ ސްކޫލުގައި ‘’ސީކިން ސޮލޭސް” ނުވަތަ ”ހިތްހަމަ ޖެހުން ހޯދުން” މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް އިބްރާހީމް މެންކް ވިދާޅުވީ ދުނިޔޭގެ މި ދިރިއުޅުމަކީ ތާއަބަދަށް އުފާވެރިކަން އެއިން ލިބިދޭ ދިރިއުޅުމެއް ނޫންކަމަށާއި ކިތަންމެ އުފަލުގައި އުޅުނުނަމަވެސް މި ދުނިޔޭގެ ވަގުތީ ޙަޔާތުން އެ އުފާވެރިކަމަށް ނިމުން އަންނަ ވަގުތު އައިސް ޖެހޭކަމަށެވެ.

ދުނިޔޭގެ ޒީނަތްތެރިކަމުގައި އަވަދިނެތި މާތްﷲ ހަނދުމަނެތިކޮށް އުޅެމުންދަނިކޮށް މަރުއައިސް ތިމާއާއި ބައްދަލުކުރާކަމަށް ވިދާޅުވިއެވެ.

ޝައިޚްގެ ދަރުސްގައި ވަނީ އުދަގޫ ދަތިކަމުގައި އިންސާނާ ޢަމަލުތައް ބަހައްޓާނެ ގޮތްތަކަށް ބައްލަވާލައްވާފައެވެ.

އިންސާނުންގެ ދިރިއުޅުމުގެ އެކިކަންކަމުން މިސާލު ދައްކަވަމުން އެކަންކަމުންވެސް ދޭހަ ކޮށްދެނީ އާޚިރަތަށް ތައްޔާރުވާންޖެހޭކަންކަމަށާއި މިދުނިޔޭގައި ޔަޤީންވާ ހަމައެކަނި ކަމަކީ މަރުކަމަށް ވިދާޅުވެ، އެންމެ ކާމިޔާބު މީހާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން ގަދަ އަޅާ މަސައްކަތްކުރާ މީހާކަމަށްވެސް ވިދާޅުވިއެވެ.

މިދުނިޔެއިން ކިތަންމެ މުދަލެއް، ލައްޒަތެއް ލިބުނުކަމުގައިވިޔަސް، އިންސާނާއަށް ހިތްހަމަޖެހުން ނުލިބޭކަން މިސާލާއިއެކު ބަޔާންކުރައްވަމުން މި ދުނިޔެއަކީ އުމުރަށް އުފަލާއި މަޖަލުގައި އުޅެވޭނެތަނެއް ނޫންކަމަށް ވިދާޅުވިއެވެ.

އިންސާނުންނަކީ ވަކި މުއްދަތެއް ހަޔާތުގައި ލިޔެވި ދުނިޔެއަށް ފޮނުވިފައިވާ ބައެއްކަމަށާއި އަދި އެ ވަގުތު ހަމަވުމުން ހުރިހާ އިންސާނުންވެސް ﷲ ސުބްހާނަޙޫ ވަތަޢާލާގެ ހަޟްރަތަށް ދާންޖެހޭކަން ހަނދާންކޮށްދެއްވިއެވެ.

އިންސާނާ ދުނިޔެއަށް އައިސް އޭނާގެ ހިތުގައިވާ ޖާގައަށް ދުނިޔެއިން މުދަލާއި ހިތްހަމަޖެހުން ޖަމާކުރާކަމަށާއި އެހެންނަމަވެސް އެ ޖާގަ ފުރާލަންވީ ﷲ ސުބްޙާނަހޫ ވަތަޢާލާ ހަނދުމަކުރުމުގައިކަމަށާއި އެހެނީ އެ ހުސްކަން ފިލުވާލެވޭނީ ހަމައެކަނި މާތްﷲ އަށްކަމަށް ވާތީކަން ބަޔާންކުރެއްވިއެވެ.

އިންސާނާގެ ފިޠުރަތަކީ ﷲ އަށް އަޅުކަން ކުރުންކަމުގައި ވީނަމަވެސް އެކަން ބަދަލުކޮއްލަނީ ދުނިޔޭގެ ދަޅަތަކާއި ދަހިވެތިކަންކަމަށާއި އެހެންނަމަވެސް ވަކި ހިސާބަކުން އިންސާނާގެ އެދުންތަކަށްވެސް ނިމުން އަންނަކަމަށް ޝައިޚް ވިދާޅުވިއެވެ.

މާތް ﷲ ހަނދުމަކުރުމުން އެއްކިބާވާ މީހާގެ މޭގައި އެކަލާނގެ ހާސްކަމެއް ލައްވަވާނެކަމަށާއި އަދި އޭނާއަށް އެކަމުގެ ސަބަބުން ދިރިނޫޅެވޭހައި އުނދަގޫ ލިބޭނެކަމަށް ވިދާޅުވަމުން އޭނާ މަޙްޝަރު ކުރެއްވޭނީ ލޯފަން ހާލަތުގައިކަންވެސް ފާހަގަކުރެއްވިއެވެ.

މީހުންގެ ރުހުން ހޯދަން މަސައްކަތްކުރާއިރު ހަނދުމަކުރަންވީ ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ ﷲގެ ހަޟްރަތަށް ރުޖޫޢަވާންޖެހޭ ދުވަސް ގާތްވެގެން އަންނަ އައުމެއްކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

އެހެންކަމުން އިންސާނާގެ ހުރިހާ ސުވާލެއްގެ ޖަވާބު ވަނީ ކީރިތި ޤުރުއާނުގައި، ނަމާދުގައި އަދި ދުޢާގައިކަމާއި އިންސާނާގެ ދަރަޖަ އުފުއްލެވޭނީ އިންސާނާ ދުނިޔޭގައި ހޯދާ މަތިވެރިކަމަށް ބިނާކޮށް ނޫންކަމަށްވެސް ވިދާޅުވިއެވެ.

އިންސާނާ މަގުފުރެއްދުމަށް ކެނޑިނޭޅި ޝައިޠާނާ މަސައްކަތް ކުރާނެކަން ފާހަގަކުރައްވާ މި ދުނިޔޭގައި ކެތްތެރިވި މީހުންނަށް އާޚިރަތުގައި ހުރި އުފާވެރިކަމުގެ ވާހަކަތައްވެސް މިރޭގެ ދަރުސްގައި ޝައިޚް އިބްރާހީމް މެންކް ވަނީ އޮޅުންފިލުއްވައިދެއްވާފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި ގުޅިގެން ބޭއްވި މި ދަރުސް ނިންމާލަމުން، އަލް އަޞްރުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ އިސްލާމިކް ލައިބްރަރީއަށް ކުޑަކުދިންނާ ގުޅޭ ދީނީ ފޮތްތަކެއް ހަދިޔާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް