އެކަކު އަނެކަކަށް ސަލާމްގޮވާ ހެދުމަކީ މުސްލިމް އަޚްވަންތަކަމާއި ލޯބި ވަރުގަދަވެގެން ދާނެ ކަމެއްކަން ބަޔާންކޮށް ދެއްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. (لَا تَدْخُلُوْنَ الْجَنَّةَ حَتَّى تُؤْمِنُوْا وَلَا تُؤْمِنُوْا حَتَّى تَحَابُّوْا أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوْهُ تَحَابَبْتُمْ أَفْشُو السَّلَامَ بَيْنَكُمْ) މިއީ އިމާމް މުސްލިމް، އަޙްމަދު އަދި ތިރްމިޛީ ރިވާ ކުރެއްވި ޙަދީޘެކެވެ. މާނައަކީ: “ތިޔަބައިމީހުން އީމާންވުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި އެކަކު އަނެކަކަށް ލޯބިވުމަށް ދާންދެން އީމާން ނުވާ ހުއްޓެވެ. ތިޔަބައިމީހުން އެކަމެއް ކޮށްފިނަމަ އެކަކު އަނެކަކު ދެކެ ލޯބިވާނެ ކަމެއް ތިމަން ކަލޭގެފާނު ދަސްކޮށްދެއްވަމު ހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ބަދަލު ކުރާ ހުށިކަމެވެ.”
އިސްވެ ސަލާމް ގޮވާ މީހާ އަށް މާތްﷲ ދެއްވާ ދަރުމަ އާއި ޘަވާބު އުއްމަތަށް ބަޔާންކޮށް ދެއްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (عن أبي هريرة رضى الله عنه أَنَّ رَجُلاً مَرَّ عَلَى رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ فِيْ مَجْلِسٍ فَقَالَ سَلَامٌ عَلَيْكُمْ فَقَالَ عَشْرُ حَسَناَتٍ ثُمَّ مَرَّ رَجُلٌ آخَرَ قَالَ سَلَامٌ عَلَيْكُمْ وَرَحْمَةُ اللهِ فَقَالَ عِشْرُوْنَ حَسَنَةً فَمَرَّ رَجُلًا آخَرَ فَقَالَ اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهً فَقَالَ ثَلَاثُوْنَ حَسَنَةُ) މިއީ ބުޚާރީ، ނަސާއީ އަދި އިބްނު ޙައްބާން ރިވާ ކުރެއްވި ޙަދީޘެކެވެ. މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޖްލިސެއްގައި އިންނަވަނިކޮށް މީހަކު އައިސް “ސަލާމް ޢަލައިކުމް” އޭ ބުންޏެވެ. ހަދީޘް ކުރެއްވިއެވެ. “ދިހަ ހެޔޮކަމެވެ”. ދެވަނަ މީހަކު އައިސް “ސަލާމް ޢަލައިކުމް ވަރަޙްމަތުﷲ” އޭ ބުންނެވެ. ޙަދީޘް ކުރެއްވިއެވެ. “ވިހި ހެޔޮކަމެވެ”. ތިންވަނަ މީހަކު އައިސް “އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ” އޭ ބުންޏެވެ. ޙަދީޘް ކުރެއްވިއެވެ. “ތިރީސް ހެޔޮކަމެވެ”.
މީހަކު ސަލާމް ގޮވައިފިނަމަ އެއަށް ރައްދު ދިނުމަކީ ވާޖިބު ކަމެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (حَقُّ الْمُسْلِمِ عَلَى الْمُسْلِمِ خَمْسٌ : رَدُّ السَّلَامِ وَعِيَادَةُ الْمَرِيْضِ وَاتِّبَاعُ الْجَنَائِزِ ، وَإِجَابَةُ الدَّاعِيْ وَتَشْمِيْتُ الْعَاطِسِ) މިއީ ބުޚާރީ، މުސްލިމް، ނަސާއީ، އަދި އަބޫދާވޫދު ރިވާ ކުރެއްވި ޙދީޘެކެވެ. މާނައަކީ: “އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްގުތައް ފަހެކެވެ. ސަލާމްގެ ޖަވާބު ދިނުމެވެ. ބަލި މީހުންނަށް ޒިޔާރަތް ކުރުމެވެ. މަރުވެއްޖެނަމަ ޖަނާޒާގައި ބައިވެރިވުމެވެ. ދަޢްވަތެއް ލިބިއްޖެނަމަ އިޖާބަ ދިނުމެވެ. އަދި ކިނބިހި އެޅުމުން “ޔަރްޙަމުކަﷲ” ބުނުމެވެ.”
މިއީ ޑރ އިޔާޟް އަބުދުއްލަތީފް ރިވެތިއަދަބުތަކާއި ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް