މާތްﷲ އަޅުގަނޑުމެން އިންސާނުންނަށް ވަނީ އަދަދު ނުކުރެވޭހާ ގިނަ ނިޢުމަތް ދެއްވާފައި ކަަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ޚާއްސަކޮށް މުދަލާއި ފައިސާއަކީ އެކަލާނގެ އިންސާނުންނަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ނިޢުމަތް ކަމަށެވެ. އަދި އެކަލާނގެ އަންގަވާފައިވާ ގޮތަށް މުދަލާއި ފައިސާ ހޭދަކުރުމަކީ ސުވަރުގެއަށް ވާސިލުވުމުގެ މަގެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެހެންކަމުން އެމުދާ ބޭނުންކޮށްގެން ހޭދަކުރަންވާނީ މާތްﷲ އަންގަވާފައިވާ ގޮތުގެ މަތީން ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ބުނީ މުދާ ހޭދަކުރުމުގައި އިސްރާފު ކުރުމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ކަމެއް ކަމަށާއި ވިޔާނުދާ ކަންތައްތަކަށް، ބޭކާރު ގޮތްގޮތަށް މުދާ ހޭދަކުރުން ކަަމަށެވެ. އަދި ހުއްދަވެގެންވާ ރަނގަޅު ކަންތައްތަކުގައި ވެސް ތިމާގެ އާމްދަނީ އާއި ލިބޭ މިންވަރާ އެކަށީގެންނުވާ މިންވަރަށް ޚަރަދު ކުރުމަކީ އިސްރާފު ކުރުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
"އެކަށީގެންވާ ވަރަށްވުރެ، ބޮޑަށް ދިރިއުޅުމުގެ ކަންތައްތަކަށް ޚަރަދު ކުރުމަކީ ވެސް އިސްރާފެއް. އަދި މިނޫން ވެސް މިފަދަ އެންމެހާ ނޭދެވޭ ކަންތައްތައް ހިމެނުގެންދާނީ އިސްރާފުގެ ތެރޭގަ. އިސްރާފު ކުރުމަކީ މުއުމިނުންގެ ސިފައެއް ނޫން." ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ މުއުމިނުންގެ ސިފައަކީ ތިމާގެ އަތުގައިވާ އެއްޗަކުން ފުއްދައިގެން އިގްތިސޯދު ކޮށްގެން ދިރުއުޅުން ކަމަށެވެ. އަދި ﷲ ތިމާއަށް ދެއްވި އެއްޗަކަށް ޝުކުރުވެރިވެ، ފުދިގެން ދިރިއުޅުން ކަމަށެވެ.
އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ކަންކުރަމުންދަނީ މިއާ ޚިލާފަށް ކަމަށާއި ތިމާގެ އާމްދަނީއަށް ބެލުމެއް ނެތި ޚަރަދުތައް ކުރަމުންދާކަން ޚުތުބާގައި ވަނީ ފާހަގަ ކޮށްފަ އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް