އީމާންކަމަކީ ހަމައެކަނި ޢިބާރާތެއް ނޫންކަމަށާއި އެއީ ތަންފީޒު ކުރަންޖެހޭ ޤަވާޢިދުތަކަކާއި އުޞޫލުތަކެއްކަމަށްވިދާޅުވެ، ސިޔާސީ ޕާޓީ ތަކުގައި މިއަދު މިއޮންނަ ގުޅުމަކީ ހަމަ ފަސާދަ ކުރުވަނިވި ގުޅުމެއްކަމަށް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ބުދަ ދުވަހެއްގެ ރޭ 10:30 ގައި އެޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުން ލައިވް ކުރަމުންގެންދާ ޕްރޮގްރާމް 'އޮނަތިރީސް މިނެޓް' ގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވީ އެމީހާގެ މައިންބަފައިންކަމުގައިވިޔަސް، އަހުލުވެރީންކަމުގައިވިޔަސް، ގާތް އެކުވެރީންކަމުގައިވިޔަސް، އޭނާގެ ޕާޓީއާއި ނުގުޅޭ ކަމަށްވަނީނަމަ އެހިސާބުން އަނެއް މީހާއަކީ ޢަދާވާތްތެރިއަކަށް މިއަދު ބަލާކަމަށެވެ.
"އެމީހާގެ މައިންބަފައިންކަމަށްވިޔަސް، އެމީހާގެ ދީނުގެ އަހުލުވެރީންކަމުގައިވިޔަސް، އެމީހާގެ ގާތް އެކުވެރީންކަމުގައިވިޔަސް، އޭނާގެ ޕާޓީއާއި ނުގުޅޭ ކަމަށްވަނީނަމަ ނުވަތަ އޭނާގެ ޕާޓީއާއި ދުރު ވިސްނުމެއް ގެންގުޅޭކަމަށްވަނީނަމަ އެހިސާބުން އަނެއް މީހާއަކީ ޢަދާވާތްތެރިއަކަށް މިއަދު މިބަލަނީ. ﷲ ޙުކުމާއި، ﷲ ގެ ދީނާ، އަދި ﷲ ގެ ގުޅުމަށްވުރެ މައްޗަށް އެހެން ގުޅުންތަކެއް އަތުވެއްޖެނަމަ އެކަން ވަދެގެންދާނީ ޝިރުކުގެ ތެރެއަށް" ޝައިޚް ވިދާޅުވިއެވެ.
' ﷲ އަށް އީމާންވުން' މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް އިތުރަށްވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް މިއަދު ބަލާލާއިރު ފެނިގެންދަނީ އެޕާޓީއެއްގައި ހިމެނުމަށްފަހު ދެން އެމީހެއްގެ ގުޅުން، ޕާޓީގެ ގުޅުމަށް އަދި އެމީހެއްގެ އީމާންކަން ޕާޓީގެ އީމާންކަމަށް ބަދަލު ވެގެންދާ މަންޒަރުކަމަށެވެ.
"އަޅުގަނޑުމެންގެ އީމާންކަމުގެ ގުޅުމަށްވުރެ ޕާޓީގެ ގުޅުން، ނުވަތަ ނޫސްވެރިކަމުގެ ފެމިލީ ގުޅުން ނުވަތަ ކްލާސްމޭޓުގެ ގުޅުން ބައެއް ބޭފުޅުންނަށް މިއަދު އެބަ މުހިއްމުވޭ. އެހެންވެ އަޅުގަނޑު މިދަންނަވަނީ މިއަދު ޕާޓީ ތަކުގެ މިއޮންނަ ގުޅުމަކީ ހަގީގަތުގަ ހަމަ ފަސާދަ ކުރުވަނިވި ގުޅުމެކޭ" އައްޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް