މާތް ﷲގެ މަގުގައި ހޭދަކުރާ ތަކެތީގެ މިސާލަކީ ކުރާގަނޑެއްގައި 100 އޮށް ހުންނަ 7 ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލު ކަމުގައި ކީރިތި ޤުރުއާނުގައި މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ.
ސޫރަތުލް ބަޤަރާގެ 261 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ.
مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ وَاللَّهُ يُضَاعِفُ لِمَن يَشَاءُ وَاللَّهُ وَاسِعٌ عَلِيمٌ
މާނައީ: "اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ޒަކާތުގެ ގޮތުގައި ނޫނަސް މީހަކަށް އެހީތެރިވުމުގެ ގޮތުން ދިއްކޮށްލާ ހެޔޮކަމުގެ ކޮންމެ އަތަކަށް މާތް ﷲ އޭގެ އެތަށް ގުނައެއް އިތުރު ކުރައްވައި ބަދަލު ދެއްވާނޭކަން ސޫރަތުލް ބަޤަރާގެ މި އާޔަތުން އެނގިގެން ހިނގައްޖެއެވެ.
މީގެ އިތުރުން، އަޅުގަނޑުމެންގެ މާތް ރަސޫލާ محمد صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގައި ތިމާގެ އަޙާގެ ހާޖާތްތައް ފުއްދައިދިނުމުގައި ދެމިހުރުމުން މާތް ﷲ ދެއްވާ އަޖުރުގެ މާތްކަން ބަޔާންވެގެން ވެއެވެ.
عن ابن عمر -رضي الله عنهما- أن رسول الله ﷺ قال: المسلم أخو المسلم، لا يظلمه، ولا يسلمه، من كان في حاجة أخيه، كان الله في حاجته، ومن فرج عن مسلم كربة، فرج الله عنه بها كربة من كرب يوم القيامة، ومن ستر مسلما ستره الله يوم القيامة (متفق عليه)
ކީރިތި ރަސޫލާގެ މި ހަދީސް ބަސްފުޅުގެ މާނައިގައި ވެއެވެ.
މާތް ﷲ އެދެބަފައި ކަލުންނަށް ރުއްސުން ލެއްވި އަބްދުﷲ ބުން އުމަރުގެ ކިބައިން ރިވާ ވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ހަދީސް ކުރެއްވިއެވެ.
މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ. އޭނާ އޭނާގެ އަޚާ އަށް އަނިޔާ ނުކުރާނެއެވެ. އަދި އޭނާ އޭނާގެ އަޚާގެ އަދާވާތްތެރިންގެ އަތްމައްޗަށް ދޫކޮށްނުލާނެއެވެ. ތިމާގެ އަޚާގެ ހާޖާތްތައް ފުއްދާ ދިނުމަށްޓަކައި މަސައްކަތް ކުރާ މީހާގެ ހާޖާތްތައް ފުއްދަވާ ދެއްވުމުގައި ﷲ ދެމިވޮޑިގެން ވެއެވެ. އަދި މުސްލިމެއްގެ މުޞީބާތްތަކުގެ ތެރެއިން މުޞީބަތެއް ދުރުކޮށްފި މީހަކަށް މާތް ﷲ ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބަތެއް ދުރުކޮށްދެއްވާނެއެވެ.
ކަންމިހެން ހުރުމާއެކު، މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް ދިރިއުޅުމަށްޓަކައި ހަލާލު ގޮތުގައިި މަސައްކަތް ކުރާ މީހަކު ކަމުގައި ވުމަކީ އިސްލާމް ދީން ނުހަނު ބާރު އަޅާ ކަމެކެވެ. ކޮންމެ މީހަކު އެމީހެއްގެ ޢާއިލާއަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި މަސައްކަތް ކުރުމަކީ މުޖުތަމަޢުން ފަޤީރު ކަން ނައްތާލުމުގެ ބިންގަލެވެ. އަދި މިއީ ހެޔޮ ދަރުމަ އާއި ސަވާބު ލިބޭނެ ޢަމަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް