ބުމަ ހެދުމަކީ ﷲ ތަޢާލާ ލަޢުނަތް ލައްވާކަމެއްކަމަށާއި، ﷲ ތަޢާލާ ލަޢުނަތް ލެއްވުމަކީ ﷲ ތަޢާލާގެ ރަޙްމަތުން އެމީހަކު ބޭރުވުންކަމަށް އައްޝައިޚް ޢިމްރާމް މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.
ރޭ ސަންޓީވީ އިން ގެނެސްދިން 'ޢިލްމީ ޚަޒާނާ' ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް ޢިމްރާން ވިދާޅުވީ ބުމަ ހެދުމަކީ ﷲ ތަޢާލާ ނަހީ ކުރައްވާފައިވާ ކަމެއްކަމަށާއި އަދި އެއީ ﷲ ތަޢާލާގެ ޚަލްޤު ބަދަލު ކުރުމުގެ ތެރެއިންވާ ކަމެއްކަމަށް ޙަދީޘްތަކުން ސާބިތުވާކަމަށެވެ.
"އެކަން ކުރަންޏާ ﷲ ތަޢާލާގެ ރަޙްމަތުން އެމީހަކު އެބަ ބޭރުވޭ، އޭގެ މާނައަކީ އެމީހާއަށް ހެޔޮ ކަންތައްތައް ދިމާވުމުގެ މަގު ވަރަށްބޮޑަށް ބަންދު ވެގެންދިއުން. އަޅުގަނޑުމެން ފާފަތައް ކުރަމުންދާއިރުވެސް ﷲ ގެ ރިޒްޤާއި އަދިވެސް ﷲ ގެ އެހީތެރިކަން އެކިގޮތްގޮތުން އިންސާނާއަށް ލިބިގެންދަނީ ﷲ ގެ ރަޙްމަތުން. އެހެންނަމަވެސް ﷲ ގެ ލަޢުނަތް މީހަކަށް ކުރިމަތިވެއްޖެނަމަ އެމީހާއަށް ވަރަށްގިނަ ހެޔޮ ކަންތައްތައް ދިމާވުމުގެ މަގު ވަރަށްބޮޑަށް ބަންދުވެގެން އެބަދޭ" ޝައިޚް ޢިމްރާން ވިދާޅުވިއެވެ.
ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ބުމަ ހެދުމަކީ ކުޑަކަމެއްކަމުގައި އަޅުގަނޑުމެންނަށް ހީވިޔަސް އެއީ އިސްލާމީ ޝަރީޢަތުގައި ވަރަށްބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެއްކަމަށެވެ.
"ބުމަ ހެދުމަކީ ކުޑަކަމެއްކަމުގައި އަޅުގަނޑުމެންނަށް ހީވިޔަސް ހަގީގަތުގައި އެއީ އިސްލާމީ ޝަރީޢަތުގައި ވަރަށްބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެއް" ޝައިޚް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް