ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ތިން ބޭފުޅުން އިންޑިއާގެ ނިއު ދިއްލީއަށް ހާޒިރު ކުރީ ކަމަށާއި އެކަމުންވެސް ފެނިގެން އެ ދަނީ އަޅުވެތިވެފައިވާ މިންވަރު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ސަންގު ޓީވީގެ ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެބޭބޭފުޅުން އިންޑިއާގެ ދިއްލީއަށް އެ ހާޒިރުކުރީ (ސަމަން ކުރެވިގެންދިޔައީ) ވަރަށް ނުފޫޒުގަދަ ގޮތެއްގައި ކަމަށެވެ.
"ވިސްނާލަބަ ރައީސަކު އެހެން ގައުމަކަށް ދަންޏާ އެއީ ވަރަށް ޕްރޮޓޮކޯލް އޮންނަކަމެއް، އެހެން ނަމަވެސް ކޯލް ކުރީމަ އެބަ ޖެހިއްޖެ ދިއްލީއަށް ދާން" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މީގެ އިތުރުން ކަންބޮޑުވުން ފާޅުކުރެއްވީ ޝަރުއީ ދާއިރާގެ ހަރުދަނާކަމެއް ނެތްކަމުގެ މައްޗަށެވެ. އެގޮތުން ޖުޑީޝަރީގެ ކަސްޓޯޑިއަން އެއް ފެންނަން ނެތްއިރު މައްސަލަތައް އިންތިހާއަށް ލަސްވެގެންދާކަން ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަގޮތެއްގައި އިންޑިއާ އައުޓް ހުއްޓުވަން ރައީސް ސޯލިހް ނެރުއްވި ގަރާރާ ދެކޮޅަށް ހުށަހެޅި މައްސަލަ ކުރިއަށްދިއުން އިންތިހާއަށް ލަސްކަން ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދާއި އަބްދުﷲ ޝާހިދު އިންޑިއާއަށް ހާޒިރުކުރީކަމުގައި ރައީސް ޔާމީން ސިފަކުރެއްވިއިރު ރައީސް ސޯލިހް މިފަހުން އިންޑިއާއަށް ވަޑައިގެންނެވިއެވެ. ރައީސް ނަޝީދާއި އަބްދުﷲ ޝާހިދު މިވަގުތު ތިއްބެވީ އިންޑިއާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް