މުހީބުﷲ މަރާލީ މަޝްހޫރުކަން ބޮޑުވުމުން ރޮހިންޖާ މުސްލިމުންގެ ގްރޫޕަކުން!

ބަންގްލަދޭޝްގައި ދިރިއުޅޭ މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީންގެ ލީޑަރު މުހީބުﷲ ގަޔަށް ބަޑި ޖަހައި މަރާލި މައްސަލައިގަ ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރާލީ މިދިޔަ ...

04 Oct 2021 | 04:08

ބަންގްލަދޭޝްގައި ދިރިއުޅޭ މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީންގެ ލީޑަރު މުހީބުﷲ ގަޔަށް ބަޑި ޖަހައި މަރާލި މައްސަލައިގަ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރާލީ މިދިޔަ ބުދަ ދުވަހު އޮރުއޮއްސޭރު ނަމާދުކޮށްގެން ރެފިއުޖީން ދިރިއުޅޭ ސަރަހައްދުގައި ހުންނަ އޮފީސް ކައިރީ އެހެން އިސްވެރިންނާއި ވާހަކަދައްކަން ހުއްޓައެވެ. އުމުރުން 40 ގެ ފަހު އަހަރުތައް ގުނަމުންދާ މުހީބުއްﷲ ގަޔަށް ބަޑި ޖެހީ އެކަނި ބަޑިއެއް ހިފައިގެން އެތަނަށް ދިޔަ މީހެއް ކަމަށްވެ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.

މި މައްސަލައިގަ މިހާތަނަށް ހައްޔަރު ކުރި މީހުންނަކީ އެ ރެފިއުޖީ ކޭމްޕުގައި އުޅޭ މިއަންމާއިން ބަންގްލަދޭޝްއަށް ރެފިއުޖީންގެ ގޮތުގައި އެތެރެވެފައިވާ މީހުންނެވެ. ބަންގްލަދޭޝް ފުލުހުން ބުނީ އޭގެ ތެރެއިން ތިން މީހަކާއި ސުވާލު ކުރުން މިހާރު ކުރިޔަށް ގެންދާ ކަމަށެވެ.

އަދި މިހާތަނަށް ތަހުގީގަށް އެނގުނު ގޮތުގައި އެމީހުންނަކީ މިއަންމާ މުސްލިމުން ދަރިކޮޅުގައި އުފެދިފަ އޮންނަ ހަނގުރާމަވެރި ގްރޫޕެކެއްގެ ބައެކެވެ. އެމީހުން މުހީބުﷲ މަރާލީ އެ ގްރޫޕަށްވުރެ އޭނާގެ މަޝްހޫރުކަން ރެފިއުޖީންގެ ތެރޭގަ އާއި ބަންގްލަދޭޝްގައި އިތުރުވަމުންދާތީ އެވެ.

މިދިޔަ ޖޫން މަހު އެމީހުން ވަނީ މާބޮޑަށް މީހުންގެ ތެރޭގައި މަގުބޫލުކަން ލިބޭގޮތަށް އަމަލުތައް ނުބެހެއްޓުމަށް އަންގައި މުހީބުﷲ އަށް އިންޒާރު ދީފައިވާ ކަމަށްވެސް ވެ އެވެ. މުހީބުﷲގެ އިތުރުން ރޮހިންޖާ މުސްލިމުންގެ ހައްގުގައި އޭނާ އާއި އެކު މަސައްކަތް ކުރާ އެހެން ރެފިއުޖީންނަށްވެސް އެ ގްރޫޕުން މަރުގެ އިންޒާރު ދީފަވެ އެވެ.

އެހެންވެ މުހީބުﷲ އާއި އެކު އެންމެ އިސްކޮށް މަސައްކަތް ކުރި 10 މީހުން ތިބީ ފިލައެވެ.

މި މައްސަލައިގަ ބަނަގްލަދޭޝް ފުލުހުން ވަނީ ރޮހިންޖާ ދަރިކޮޅު މީހުންގެ ރެފިއުޖީ ކޭމްޕުތައް ހިމެނޭ ސަރަހައްދުތަކުގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ކޮށްފަ އެވެ.

2017 ވަނަ އަހަރު މުސްލިމުންގެ ނަސްލު ނައްތާލުމަށް މިއަންމާ އަސްކަރިއްޔާއިން ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގި ގަތުލްއާންމުގައި އެތައް ލައްކަ މުސްލިމުންނެއް މަރާލާފައިވާއިރު އެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އެތައް ލައްކަ ބަޔަކު ވަނީ ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝްއަށް އެތެރެވެފަ އެވެ. އެގޮތުން 730،000 މީހުން މިހާރުވެސް ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި އެބަތި ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް