ޔުނެސްކޯއިން ހިންގި ޕްރޮޖެކްޓެއްގައި މާތް ﷲ ވޮޑިގެންވޭތޯ ސުވާލު އުފެއްދުމުން ފުލުހަށް

ޔުނެސްކޯއިން ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގި ޕްރޮގްރާމެއްގައި މާތް ﷲ ވޮޑިގެންވޭތޯ ސުވާލު އުފެއްދުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ ރައްޔިތުންގެ...

09 Sep 2021 | 15:13

ޔުނެސްކޯއިން ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގި ޕްރޮގްރާމެއްގައި މާތް ﷲ ވޮޑިގެންވޭތޯ ސުވާލު އުފެއްދުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅީ ރައްޔިތުންގެ އިއްތިހާދު ޖަމިއްޔާ އިންނެވެ. އެޖަމިއްޔާއިން މި މައްސަލަ ބަލައިދިނުމަށް އެދިފައިވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައި އެވެ.

އެ ސިޓީގައި ބުނެފައިވަނީ ޔުނެސްކޯ އިން ގްލޯބަލް ސިޓިޒަންގެ ނަމުގައި ހިންގި ޕްރޮޖެކްޓެއްގައި ދީނީ އަގީދާ ހަލާކުކޮށް، އެތީސްޓް ވިސްނުން ފަތުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންވެ، ދިވެހިންގެ މުގައްރަރު "ލާދީނީ ކުރަން ހިންގާ ޣައިރު ގާނޫނީ" މަސައްކަތް މިހާރުން މިހާރަށް ހުއްޓާލައި ޔުނެސްކޯ އަށް ފިޔަވަޅު އެޅުމަށް އެ ސިޓީގައި ގޮވައިލި އެވެ.

ރައްޔިތުންގެ އިއްތިހާދު ޖަމިއްޔާ އިން ބުނީ، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނާއި ގަވާއިދު ހިމާޔަތް ކުރުމުގެ ގޮތުން، ވަކި ފަރުދަކު ނުވަތަ ޖަމިއްޔާ، ޖަމާއަތްތަކުން ނަމަވެސް ޣައިރު ގާނޫނީ އަމަލެއް ހިންގުމަކީ ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، ޔުނެސްކޯގެ މައްސަލަ ރަސްމީކޮށް ބަލައިދިނުމަށް ރައްޔިތުންގެ އިއްތިހާދުން ސީފީއަށް ފޮނުވި ސިޓީގައި އެދިފަވެ އެވެ.

މީގެ އިތުރުން،، އިސްލާމީ ތަރުބިއްޔަތު ކިޔަވައި ދިނުމަށް ބޭނުންކުރާ ފޮތުގައި ގުރުއާނުގެ އާޔަތުގެ ތަރުޖަމާ ބަދަލު ކޮށްފައިވުމާއި ގުރޭޑް 1 ގެ ދަރިވަރުންގެ ގުރުއާން ފޮތުގައި އާޔަތްތަށް ބަދަލުކޮށްފައި ހުރުމާއި އެ ނޫން ވެސް ހަތަރު ފޮތެއްގައި ގުރުއާނުގެ އާޔްތައް ބަދަލުކޮށްފައި ހުރި މައްސަލަތައް ބަލައި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް އެ ޖަމިއްޔާއިން އެދިފައި ވެ އެވެ.

ޔުނެސްކޯއިން އެ ޕްރޮގްރާމް ހިންގީ ގްރޭޑް 7، 8 އަދި 9 ގެ ކުދިންނަށް އަމާޒުކޮށްގެންނެވެ. މިދިޔަ ހަފުތާގައި ހިންގި އެ ޕައިލެޓް ޕްރޮޖެކްޓުގައި ވަނީ މާތް ﷲ ވޮޑިގެންވޭތޯ ނުވަތަ ނުވޭތޯ އާއި ކަލަކު ވޮޑިގެންވާ ނަމަ ހަނގުރާމަތަކަށް ޖާގަ ލިބެނީ ކީއްވެތޯ އާއި އިންސާނުންނަށް އަޅައިނުލަނީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ.

އެ ޖަމިއްޔާ އިން ވަނީ އެ ސިޓީގެ ކޮޕީއެއް އިސްލާމިކް މިނިސްޓީއަށާއި ރައީސް އޮފީހަށް ވެސް ފޮނުވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް