މާތް ﷲ އެމީހަކަށް ލިއުއްވާފައިވާ އެއްޗެއް އެމީހަކަށް ދެއްވާނެކަމަށް ޑރ. ޢަބްދުއްސައްތާރު އަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.
ޑރ. ޢަބްދުއްސައްތާރު މިހެން ވިދާޅުވީ "ރިޒްޤް ހޯދުމުގައި ހެޔޮގޮތް އިޚްތިޔާރުކުރުން" މި މައުޟޫޢުއަށް ރޭ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.
ކީރިތި ޤުރުއާނާއި ރަސޫލާﷺގެ ހަދީސްތަކަށް ބައްލަވާލައްވަމުން ޝައިޚް ވިދާޅުވީ ކީރިތި ރަސޫލާ ﷺ ހަދީސްކުރައްވަނީ ތިމަންކަލޭގެފާނުގެ އުންމަތަށް ގަސްތަކާ ނުލާ ކުރެވޭ ކުށް މާފުވެފައިވާކަމަށާއި ހަނދާންނެތިގެން ކުރެވޭ ކުށާއި މަޖުބޫރުކުރުވައިގެން ކުރާ ކަންތައްވެސް މާފްވެފައިވާކަމަށެވެ.
އަދި އިންސާނާ ޢަމަލުކުރަނީ މާތްﷲ ލިޔުއްވާފައި އޮތުމުން ނޫންކަމަށާއި އިންސާނާ ޢަމަލުކުރާނެތީ މާތްﷲ ލިއުއްވާފައި އޮތީކަމަށްވެސް ވިދާޅުވިއެވެ.
މާތް ﷲގެ ޢިލްމު ވަރަށް ތަނަވަސްކަމަށާއި އެކަލާނގެއީ ވާނެކަންތަކާއި ނުވާނެކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަމަށް ވެސް ޑރ. އަބްދުއްސައްތާރު ވިދާޅުވިއެވެ.
ތަޤުދީރުގެ ތެރެއިން ބައެއް ކަންތައްތަކަކީ ބަދަލުވެގެންދާ ކަންތައްތައްކަމަށްވެސް ވިދާޅުވިއެވެ.
ޞަޙާބީންގެ ޒަމާނުގައި ހިނގައިދިޔަ ބައެއް ހާދިސާތަކަށް ބައްލަވާލައްވާ ޝައިޚް ސައްތާރު ވިދާޅުވީ މާތްﷲ ރިޒްޤް ދެއްވާނެކަމަށް މަސައްކަތެއް ނުކޮށް ހުރުމުގެ ބަދަލުގައި، މަސައްކަތްކޮށްގެން ރިޒްޤް ހޯދުމަށްފަހު ދަތި ޙާލަތެއްގައިވާ، ނުވަތަ ޙާލުގައިވާ މީހުންނަށް އެހީތެރިވާންވީކަމަށެވެ.
އެހެންކަމުން ރިޒްޤާއި މަޤާމުތަކުގެ މައްސަލައިގައި އެކަކު އަނެކަކަށް ހަސަދަވެރިނުވާން ޝައިޚް ވަނީ އެދިވަޑައިގެންފައެވެ.
ރޭގެ ފޯރަމްގައި މާތްﷲ އަށް ބަރޯސާވުމާއި ތަވައްކަލްކުރުމުގެ މުހިންމުކަމަށް ސަޙާބީންގެ ޒަމާނުން މިސާލުތައް ދައްކަވައި ވާހަކަފުޅު ދައްކަވަމުން އެއްވެސް މަޚްލޫޤަކަށް ރިޒުޤްދެއްވުމަށް މާތްﷲ ހަނދުމަނެތިވެވޮޑި ނުގަންނަވާނެކަމަށް ވިދާޅުވިއެވެ.
ރިޒުޤަކީ ހުރިހާ މަޚްލޫޤުތަކަށް ދެއްވާ އެއްޗެއްކަން ބަޔާންކުރައްވަމުން ރިޒްޤު އެކިމީހުންނަށް އެކިމިންވަރަށް ދެއްވަނީ ކީއްވެގެންކަން ތަފްސީލުކޮށްދެއްވިއެވެ.
އަދި ނިކަމެތިންނާއި ފަޤީރުންގެ ޙާލަތު މާތްﷲ ދެނެވޮޑިގެންވާކަމަށާއި އެފަދަ މީހުންނަށް ގިޔާމަތްދުވަހުން އޭގެ ބަދަލުދެއްވާނެކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ކަމަށާއި އެއްވެސް އިންސާނެއްގެ ރިޒުޤްހަމައަށް ނުލިބި އެ އިންސާނާ މަރުނުވާނެކަމަށް ރަސޫލާ ﷺ ޙަދީސްގައި ވާކަމަށް ޝައިހް ސައްތާރު ވިދާޅުވިއެވެ.
ޝައިޚްގެ ވާހަކަފުޅުގައި ފަޤީރުންނަކީ 3 އިރު ކާން ނުލިބޭމީހުންކަން ފާހަގަކުރައްވާ ކޮންމެ މީހަކުވެސް ފަޤީރުކަމުން ސަލާމަތްވޭތޯ ދުޢާވެސް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ރިޒުޤު ތަނަވަސްވުމަށް ދުޢާ ކުރާއިރު ރިޒުޤު ތަނަވަސްވުމަށާއި ބަރަކާތްލެއްވުމަށާއި އަދި މާތް ﷲގެ މަގުގައި ހޭދަކުރުމުގެ ތަޢުފީޤު ދެއްވުން އެދި ދުޢާކުރަން ޖެހޭކަމަށް ޝައިޚް ވިދާޅުވިއެވެ.
ފަހު ޒަމާނާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝައިޚް ވިދާޅުވީ ރިޒުޤު ހޯދުމުގައި ޙަރާމެއް ޙަލާލެއް ނުބަލާނެ ޒަމާނެއް އަންނާނެކަމަށް ރަސޫލާ ﷺ ހަދީސްކުރައްވާފައިވާކަމަށާއި ހަމައެހެންމެ ރިބާކާނެ ޒަމާނެއްވެސް އަންނާނެކަމަށް ރަސޫލާﷺ ހަދީސްކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.
ޝައިޚްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ޙަލާލު ގޮތުގައި ރިޒުޤުހޯދުމަށް މަސައްކަތްކުރުމުގެ މުހިންމުކަމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް