ކިތަންމެ ބޮޑު ބާރެއް ލިބުނަސް ﷲ އަށް އީމާން ނުވާނަމަ، ބާއްޖަވެރިކަމެއް ނެތް ކަމަށް މިއަދުގެ ހުުކުރު ޚުތުބާގައި ބުނެފިއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުކުރ ކުރި މިސްކިތްތަކުން އިއްވި ޚުތުބާގައި ބުނީ، ދުނިޔެ މަތީގައި ކިތަންމެ ބޮޑު ބާރެއް މަތިވެރި ޖާހެއް ލިބުނަސް ﷲ އަށް އީމާން ނުވާނަމަ އެއީ ހަގީގީ ބާއްޖަވެރިކަމެއް ނޫން ކަމަށެވެ.
ބާއްޖަވެރިކަމަކީ މުދާވެރިވުން ކަމުގައިވީ ނަމަ، ޤާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށްވާނެ ކަމަށް ޚުތުބާގައި ބުންޏެއެވެ.
މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން ޤާރޫނަކީ މޫސާގެފާނުގެ ގައުމުގެ މީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަން ރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ޚަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް، އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ ގައުމުގެ މީހުން އޭނާއަށް ބުނި ހިނދެވެ. (ކިބުރުވެރިވުމުގެ ގޮތުން) އުފާނުކުރާށެވެ! ހަމަކަށަވަރުން ބޮޑާވުމުގެ ގޮތުން އުފާކުރާ މީހުންގެ ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.
ޚުތުބާގައި ބުނީ ހަގީގީ ބާއްޖަވެރިކަމަކީ، އަޅާ، ﷲ އަށް އީމާންވެ، އެ ކަލާނގެ އެންގެވި ގޮތް އިޚްތިޔާރުކޮށް، އެކަލާނގެ ނަހީކުރެއްވި ކަންކަމާ ދުރުހެލިވުމުން، މާތް ﷲ އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި، އުފާވެރިކަމުގެ ޝުއޫރެއް ކަމަށެވެ. ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަން ހަރުދަނާވުން ކަމަށްވާއިރު، އެއްގޮތަކަށް ވެސް މާއްދީ ގޮތުން ހާސިލް ކުރެވޭނެ އެއްޗެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޚުތުބާގައި ބުނީ އެކިއެކި ކަންކަމުގައި އަވަދިނެތިވެ އުޅުމުގެ ސަބަބުން ބާއްޖަވެރިކަން ދެއްވުމަށް ވައުދުވެވޮޑިގެންނެވި ގަދަ ކީރިވަންތަ މާތް ﷲގެ މަތިން ހަނދުމަކުރަން ވެސް ހަނދާން ނުހުންނަ ކަމަށެވެ. މާތް ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ނަމާދު ކަމަށާއި، ނަމާދަށް ރައްކާތެރިނުވެ، ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިޔަސް ބާއްޖަވެރިކަން ނުލިބޭނެ ކަން ޚުތުބާގައި ފާހަގަކުރިއެވެ.
ވަޒީފާއަށް ދިއުމަށް ހެދުނު ހެނދުނާ ތެދުވާއިރު، ފަތިސް ނަމާދު ވަގުތުގައި އަދާކުރަނީ ކިތައް މީހުންތޯ ޚުތުބާގައި ސުވާލު އުފެއްދިއެވެ. އަދި މި ސުވާލުތަކާ މެދު ފުންކޮށް ވިސްނައި، އަމިއްލަ ނަފްސަށް ޖަވާބު ދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް