އިރާގާއި ސީރިއާ އަދި އެ ސަރަހައްދުގެ ގައުމުތަކުގައި ބާރުގަދަ ކުރަމުން އަންނަ އައިއެސް ޖަމާއަތާ ދެކޮޅަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ހަނގުރާމަ އިއުލާނުކޮށްފި އެވެ.
ހިޒްބުﷲ އިން އައިއެސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ބުނެފައިވަނީ ލުބުނާނުގެ ބޯޑަރު ހިމާޔަތް ކުރުމަށް އައިއެސްއާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާކަމަށާއި މިހާތަނަށް ހިނގާފައިވާ ބައެއް ކުރިމަތިލުންތަކުގައި އައިއެސްގެ 12 މީހަކު މަރާލާފައިވާކަމަށެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އިރާގާއި ސީރިއާގައި ވަކި ހިލާފަތެއް އިއުލާނުކުރުމަށްފަހު އެ ހިލާފަތު ދެމެހެއްޓުމަށް ހަނގުރާމަ ކުރަމުން އަންނަ އައިއެސް ޖަމާއަތުން މި ފަހަކަށް އައިސް އިރާގާއި ސީރިއާގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެ އެވެ.
ހިޒްބުﷲ އިން ބުނަނީ އައިއެސްއަށް ލުބުނާނުގައި އަތްގަދަ ނުކުރެވޭނެ ކަމަށާއި ހަނގުރާމަ ގިނަ ދުވަހަށް ދެމިގެންދިޔަ ނަމަވެސް އައިއެސް ބަލި ކުރާނެ ކަމަށެވެ. އަދި އަވަސް އަރުވާލައިގެން އައިއެސް ނައްތާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.
ހިޒްބުﷲ އިން އައިއެސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައިވާއިރު އައިއެސް ނައްތާލުމަށް އެމެރިކާ އިސްވެ އެކި ގައުމުތަކާއެކު ކޯލީޝަނެއް ހެދުމަށްފަހު އައިއެސްއާ ހަނގުރާމަކުރަމުން އަންނަތާ ހަމަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ނަމަވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުން އައިއެސް އިން އަންނަނީ ދުވަހެއް ދުވަހަކަށްވުރެ އިރާގާއި ސީރިއާގައި ބާރުގަދަ ކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް