ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ ނިޔާވި އަބްދުﷲ ރަޝީދާއި ގުޅުން ހުރި ތަންތަން ބަލާ ފާސްކުރުމާއި ގުުޅޭގޮތުން އާއިލާއިން ދެއްކި ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.
ގދ. ހޯނޑެއްދޫ، ސްވެން، އުމުރުން43 އަހަރުގެ ރަޝީދު ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މެއަށް ތަދެއް އަރައި، ސީޒައެއް ޖެހުންފަދަ އަލާމާތްތަކެއް ފެނުމަށް ފަހު އެވެ. އޭނާ ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެތަނާއި ހަވާލާދީ ފުލުހުން މައުލޫމާތުދެ އެވެ.
އޭނާގެ މަރާއި ގުޅިގެން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ރަށު މީހުންނާއި އާއިލާއިން ދަނީ ކުރަމުންނެވެ. އެއް ބަޔަކު ބުނަމުންދަނި އޭނާ ނިޔާވީ ފުލުހުން އަނިޔާ ކުރުމުން ކަމަށެވެ.
އާއިލާ އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުން ވަނީ ރަޝީދާއި ގުޅުން ހުރި ތަންތަން ބަލާ ފާސްކޮށްފައި އެވެ. އެކަމަކު އެމީހުން އަތުގައި އެތަންތަން ބެލުމުގެ ކޯޓު އަމުރެއް ނެތް ކަމަށް އާއިލާއިން ބުނެފައި އެވެ.
މިކަމަށް ރައްދުދީ މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ބަލާ ފާސް ކޮށްފައިވަނީ ރަޝީދު ދިރިއުޅޭ ގެއާއި އޭނާގެ ހުއިފިލަނޑާ ވިއްކާތަނެއް ކަމަށެވެ. އެ ދެ ތަންވެސް ފާސްކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން އިޖުރާތުތަކާއި އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
ފުލުހުން ރޭ ބުނީ އޭނާ ގޮވައިގެން ފުލުހުން ދަތުރު ކުރީ އާންމު މީހެއްގެ ލޯންޗެއް ކުއްޔަށް ހިފައިގެން ކަމަށްވާތީ ފުލުހުން އަނިޔާ ކުރި ނަމަ އެމީހުންނަށް އެނގޭނެ ކަމަށެވެ.
ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވަނީ އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް އުޅޭތޯ ބަލާނެ ކަމަށެވެ. އަދި އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ވަނީ އޭނާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ރަޝީދުގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ނިންމާފައި އެވެ. އަދި ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް