އާޔަތެއްގެ ހިޔަލުގައި: ދަންނައެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުންނެވެ

﴿أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ﴾ "ދަންނައެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުންނެވެ." الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ހިތަކީ ނުހަނު ބަދަލުވާ އެއްޗެކެ...

28 May 2017 | 14:12

﴿أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ﴾

"ދަންނައެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުންނެވެ."

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ހިތަކީ ނުހަނު ބަދަލުވާ އެއްޗެކެވެ. އުފާވެރިކަމާއި ހިތާމަވެރިކަމާއި ހަމަޖެހުމާއި ނުތަނަވަސްކަމާއި އުންމީދާއި މާޔޫސްކަމާ އަދި މިނޫންވެސް އެތައްކަމެއް ހިތަށް މެދުވެރިވެއެވެ. ހިތްހަމަޖެހުން ހޯދުމަކީ އެންމެންވެސް އެދޭކަމެކެވެ. ނަމަވެސް ވަރަށް ގިނަމީހުންނަށް އެކަން ޙާޞިލުނުވެއެވެ. އެއީ އެކަން ހޯދުމަށް އޮންނަ ރަނގަޅު މަގު ދޫކޮށްލެވޭތީއެވެ. ހިތްހަމަޖެހުން ލިބޭނެ މަގު ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ  أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ﴾ [سورة الرعد ٢٨] މާނައީ: "އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ދަންނައެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުންނެވެ."

މިގޮތުން ﷲ ތަޢާލާ ހަނދުމަކޮށް އެއިލާހުގެ ޛިކުރުކުރުމީ ހިތްހަމަޖެހުމާއި އުފާވެރިކަމާއި ރިޒްޤުގެ ތަނަވަސްކަމާ އަދި މަޑުމޮޅިކަން ގެނެސްދޭ ކަމެކެވެ. ހިތަށް ދިމާވާ އެކިއެކި ބަލިތަކާއި ކިލަނބުކަމުގެ އެންމެ ބޮޑު ފަރުވާއަކީވެސް ﷲ ހަނދުމަކުރުމެވެ. މަކްޙޫލު رحمه الله ވިދާޅުވިއެވެ. "ﷲ ހަނދުމަކުރުމަކީ ފަރުވާއެކެވެ. އަދި މީސްތަކުންގެ މަތިން ހަނދުމަކުރުމީ ބަލިމަޑުކަމެކެވެ." ﷲ ހަނދުމަކުރުމުން މީހާގެ ދަރަޖަތައް އުފުލި، ފާފަތައް ފުހެވި އަދި މޭ ތަނަވެސްވެގެންދެއެވެ.

ﷲ ތަޢާލާގެ މަތިވެރިކަން އެނގި، އެއިލާހު މަޢުރިފާވެއްޖެމީހަކު، އެއިލާހު ޛިކުރުކުރުމުގެ މަތީގައި ދެމިހުންނާނެއެވެ. ﷲ ތަޢާލާވަނީ ގިނަގިނައިން ޛިކުރުކުރުމަށް އަމުރުކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّـهَ ذِكْرًا كَثِيرًا﴾ [سورة الأحزاب ٤١] މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން ﷲ ހަނދުމަކުރާށެވެ."

ޛިކުރުކުރުމާއި ހެޔޮޢަމަލުތައް ކުރުމުން ދުރުހެލިވުމުން އިންސާނާގެ ހިތް ހަރުވެގެންދެއެވެ. އަދި އޭގެ ސަބަބުން އޭނާއަށް އެކިއެކި މުޞީބާތްތައް މެދުވެރިވެ ނުތަނަވަސްކަމުގެ ތެރެއަށް ޣަރަޤުވެއެވެ. އެކަމުގެ ޙައްލަކީ ހިތަށް ފަރުވާކުރުމެވެ. މީހަކު ޙަސަނުލް ބަޞަރީ رحمه اللهގެ އަރިހުގައި ދެންނެވިއެވެ. "އަހަރެންގެ ހިތް ވަރަށް ހަރުވެއްޖެއެވެ." އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. "ﷲ ހަނދުމަކުރުމުން އެ މަޑުމޮޅިކުރާށެވެ." ހިތަށް ފަރުވާކުރުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ﷲ ގެ މަތިން ގިނަގިނައިން ހަނދުމަކުރުމާއި ފާފަކުރުމުން ދުރުހެލިވުމާއި ކީރިތި ޤުރުއާނުގެ ތަފްސީރު ކިޔުމާއި ޢިލްމުވެރިންގެ ދަރުސްތަކަށް ދިޔުމާއި ފޮތްތައް ކިޔުމާއި ގަބުރުސްތާނަށް ޒިޔާރަތްކުރުން ހިމެނެއެވެ.

ﷲ ހަނދުމަކުރާމީހަކާ އަދި ނުކުރާމީހަކު ހަމަހަމަވާނީ ކޮންފަދައަކުންތޯއެވެ! އެދެމީހުންގެ ފަރަޤަކީ ދިރިހުރި މީހަކާ މަރުވެފައިވާ މީހެއްގެ ދެމެދުގައިވާ ތަފާތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ  إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ﴾ [سورة الزمر٩] މާނައީ: "ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދައިގައްޔާއި، ޤިޔާމުގައި މަޑުމޮޅިވެ، އާޚިރަތްދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިއިލާހުގެ ޙަޟްރަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެ ހެއްޔެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ. ނަސޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ."

ދުޢާއަކީ އަޅަމެންނަކީ އެއިލާހު ހަނދުމަކުރާ އަދި ދުނިޔެއާއި އާޚިރަތުގައިވެސް ބާއްޖަވެރިކަމުގެ އަހުލުވެރިންކަމުގައި ލެއްވުމެވެ!

ލިއުއްވީ : الشيخ عمران بن محمد على

____________________________

މަޞްދަރު: خطوات إلى السعادة

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް