ހުކުރުވިލޭރޭ މަރުވާ މީހުން ކަށްވަޅުގެ ފިތުނައިން ﷲ ތަޢާލާ ސަލާމަތް ކުރައްވަވައެވެ.

ހުކުރު ދުވަސް ގަންދެއްވައި، ﷲ ތަޢާލާ ކީރިތި ޤުރުއާނުގެ ބުރޫޖު ސޫރަތުގައި ހުވާގެ ބަސްފުޅު ވަޙީކުރައްވާފައިވުމުން އޭގެން ދަލީލުކޮށްދެނީ އެދުވަހުގެ މުހިންމުކަމަށެވެ. އެހެނީ އެފަދައިން އެއްޗެއް ގަންދެއްވަ...

12 Mar 2021 | 04:56

ހުކުރު ދުވަސް ގަންދެއްވައި، ﷲ ތަޢާލާ ކީރިތި ޤުރުއާނުގެ ބުރޫޖު ސޫރަތުގައި ހުވާގެ ބަސްފުޅު ވަޙީކުރައްވާފައިވުމުން އޭގެން ދަލީލުކޮށްދެނީ އެދުވަހުގެ މުހިންމުކަމަށެވެ. އެހެނީ އެފަދައިން އެއްޗެއް ގަންދެއްވައި އެއިލާހު ހުވާގެ ބަސްފުޅު ވަޙީކުރައްވަނީ ވަރަށް މުހިންމު އެއްޗިއްސާ ބެހޭގޮތުންނެވެ. އެގޮތުން އެސޫރުތަގައިވާ އަންނަނިވި އާޔަތުން އެކަން ދޭހަވެއެވެ.

﴿وَشَاهِدٍ وَمَشْهُودٍ﴾ [سورة البروج ٣]

މާނައީ: “އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.”

މިއާޔަތުގައިވާ شَاهِدٍ (ހެކިދޭ ފަރާތް) އަކީ ހުކުރު ދުވަހެވެ.

އެފަދައިން ޙަދީޘް ބަަސްފުޅެއްގައިވެސް އައިސްފައިވެއެވެ.

((اليَوْمُ المَوْعُودُ يَوْمُ القِيَامَةِ، وَاليَوْمُ المَشْهُودُ يَوْمُ عَرَفَةَ، وَالشَّاهِدُ يَوْمُ الجُمُعَةِ))

މާނައީ: “ވަޢުދުކުރައްވާފައިވާ ދުވަހަކީ ޤިޔާމަތް ދުވަހެވެ. އަދި ހެކިދެވޭ ފަރާތަކީ ޢަރަފާތް ދުވަހެވެ. އަދި ހެކިދޭ ފަރާތަކީ ހުކުރު ދުވަހެވެ.”

ގިނަ މުފައްސިރުން ބުރަވެވަޑައިގަންނަވަނީ އެގޮތަަށެވެ.

އެދުވަހަށް އެނަމުން ނަންދެވެނީ އެދުވަހުގައި މީސްތަކުން ކުރާ ޢަމަލުތަކަށް އެދުވަސް ހެކިދޭނެއެވެ. އަދި އެހެން ދުވަސްތައްވެސް ހަމައެފަދައިން ހެކިދޭނެއެވެ.

ހުކުރު ދުވަހުގެ މާތްކަމުގެ ތެރޭގައި، ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މީހުން ކަށްވަޅުގެ ފިތުނައިން ﷲ ތަޢާލާ ސަލާމަތް ކުރައްވަވައެވެ. އެފަދަ މަރެއް އެއީ ހެޔޮ ނިމުމެއްގެ ޢަލާމާތެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. ((مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلا وَقَاهُ اللَّهُ فِتْنَةَ الْقَبْرِ)) މާނައަކީ: “ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ﷲ ތަޢާލާ ސަލާމަތް ކުރައްވައެވެ.”

ހުކުރު ދުވަހުގެ ކުރިން ނުވަތަ ފަހުން ގުޅިގެންދާ ގޮތަށް ނޫން ގޮތަކަށް ހަމައެކަނި ހުކުރު ދުވަހު ވަކިން ރޯދަ ހިފުން މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ނަހީކުރައްވާފައެވެ. އެހެނީ ކުރިންވެސް ޛިކުރު ކުރެވުނު ފަދައިން ހުކުރު ދުވަހަކީ ﷲ ތަޢާލާ ހަފްތާ ތެރޭ އަންނަ ޢީދެއްގެ ގޮތުގައި މުސްލިމުންނަށް ލައްވާފައިވާ ދުވަހެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. (( لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه)) މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ހުކުރުދުވަހު ރޯދަ ނުހިފާހުށިކަމެވެ. އެއީ އެދުވަހުގެ ކުރިންދުވަހު (އެބަހީ: ބުރާސްފަތި ދުވަހު) ނުވަތަ ފަހުން އަންނަ ދުވަހު (އެބަހީ: ހޮނިހިރު ދުވަހު) ރޯދަ ނުހިފާނަމައެވެ.”

ޖުވައިރާ ބިންތިލް ޙާރިޘް رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްއެވެ. أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ ، فَقَالَ : (( أَصُمْتِ أَمْسِ ؟ قَالَتْ : لا . قَالَ : تُرِيدِينَ أَنْ تَصُومِي غَدًا ؟ قَالَتْ : لا . قَالَ : فَأَفْطِرِي)) މާނައީ: އެކަމަނާ ހުކުރުދުވަހަކު ރޯދައަށް ހުންނަވަނިކޮށް އެކަމަނާގެ އަރިހަށް ނަބިއްޔާ صلى الله عليه وسلم ވެދެވަޑައިގަތެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. ކަމަނާ އިއްޔެ ރޯދައަށް ހުންނެވިން ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. ނޫނެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މާދަމާ ރޯދައަށް ހުރުމަށް ކަމަނާ ބޭނުންވެވަޑައިގަންނަވަންތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. ނޫނެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފަހެ ކަމަނާ ރޯދަ ދޫކޮށްލައްވާށެވެ.

  1. ހުކުރު ނަމާދަކީ އިސްލާމް ދީނުގައި މުސްލިމުތަކުންނަށް ފަރުޟުކުރައްވާފައިވާ ފަރުޟުތަކުގެ ތެރެއިން މަތިވެރި ފަރުޟެކެވެ.

އަލް އިމާމް އިބްނުލް ޤައްޔިމް (رحمه الله) ވިދާޅުވެފައިވެއެވެ.

“ހުކުރު ނަމާދަކީ އިސްލާމް ދީނުގެ މަތިވެރި ފަރުޟެކެވެ. އަދި އެއީ މުސްލިމްތަކުންގެ އެންމެ ބޮޑު އެއް އިޖުތިމާއެވެ. މަތިވެރިކަން ލިބިގެންވާ އެއްވުމެކެވެ.”

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾ [سورة الجمعة 9] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”

  1. ޞިއްޙަތު ސަލާމަތުންހުރި، މިނިވަން، ބުއްދިހުރި، ބާލިޣުވެފައިވާ، ޤާއިމްވެހުރި (ދަތުރެއްގެ މަތީގައިނުވާ)، މުސްލިމު ކޮންމެ ފިރިހެނެއްގެ މައްޗަށް ހުކުރު ނަމާދަކީ ފަރުޟު ޢައިނެކެވެ. މި ޝަރުތުތައް ފުރިހަމަވާ މީހަކު ހުކުރު ނަމާދުގެ ޖަމާޢަތައް ޙާޟިރުނުވުމަކީ ފާފަވެރިވާނެ ކަމެކެވެ.
  2. އަންހެނުންނާއި، (ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރު ނުވެވޭ ވަރުގެ) ބަލިމީހުންނާއި، ދަތުރުވެރިންނާއި، ބާލިޣުނުވާ ކުޑަކުދިންނާއި، އަޅުންގެ މައްޗަށް ހުކުރު ނަމާދު ވާޖިބެއް ނޫނެވެ.
  3. ހުކުރު ނަމާދު ވާޖިބުނުވާ މީހުންގެ ތެރެއިން ތަކުލީފު ލިބިގެންވާ މީހުން ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެއްޖެ ނަމަ ނަމާދު ޞައްޙަވާނެއެވެ. އަދި ހުކުރު ނަމާދު މިފަދައިން ޖަމާޢަތުގައިކޮށްފި މީހަކު އެދުވަހުގެ މެންދުރު ނަމާދު ދެން ކުރާކަށް ނުޖެހޭނެއެވެ.

މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ދިސަލަފިއްޔާ ވެބްސައިޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް