މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިވުމަށް ޑިޒާސްޓާއިން އިރުޝާދު ދީފި

ރާއްޖެ ހިމެނޭ ސަރަހައްދުގައި މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (ޑިޒާސްޓާ) އިން އިރުޝާދު ދީފިއެވެ. އެ އޮތޯރިޓ...

31 Dec 2024 | 09:51

ރާއްޖެ ހިމެނޭ ސަރަހައްދުގައި މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (ޑިޒާސްޓާ) އިން އިރުޝާދު ދީފިއެވެ.

އެ އޮތޯރިޓީއިން ބުނެފައިވަނީ، މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

ގޯތި ގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަމާލުކަން ދެއްވުން އެދޭ ކަންކަން އެ އޮތޯރިޓީއިން ހިއްސާކޮށްފައިވެއެވެ.

އެއީ

-ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާންހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން.

-ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާ ގެންގުޅޭތަކެތި (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.

-ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން.

-ގަދަވައިގެ ސަބަބުން އެއްލާލަފާނެތަކެތި ރައްކާތެރިކުރުން.

-ބޭނުންނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.

-ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުން.

-ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމު ކުރުން.

މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ނެރުނު މޫސުމީ ޚަބަރުގައި ބުނެފައިވަނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން، އާ އަހަރު ބަންދުތެރޭގައި (ޖަނަވަރީ އެކަކުން ޖަނަވަރީ ފަހަކަށް) ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުވުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް