ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާއި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) ގުޅިގެން ސިޓީ އަދި އަތޮޅު ކައުންސިލްތަކަށް އަމާޒުކޮށްގެން "ފަނޯއްލަ ދަރުބާރު"ގެ ނަމުގައި ލާމަރުކަޒީ ސިޔާސަތު ވިލަރެސް ކުރުމުގެ މަހާސިންތާއެއް ކުރިޔަށް ގެންގޮއްސިއެވެ.
މިއީ ފަނޯއްލަ ދަރުބާރުގެ ނަމުގައި 2021 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދެވޭ މިމަހާސިންތާ ބޭއްވިގެންދާ 5 ވަނަ ފަހަރެވެ. މިމަހުގެ 27 އިން 28 އަށް އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ މިމަހާސިންތާގެ މައިގަނޑު މަގްޞަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން ބައްދަލުކުރައްވާ ޚިޔާލު ބަދަލުކުރުން ކަމަށް އެލްޖީއޭ އިން މައުލޫމާތުދެއެވެ.
މިފޯރަމްގައި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ އިތުރުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް، މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް އުމަރު، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ސިވިލް ސާރވިސް ކޮމިޝަން، އަދި އައްޑޫ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އައްޑޫ ސިޓީގެ ބައެއް މަދަނީ ޖަމްއިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.
އެލްޖީއޭ އިން ބުނީ ދެ ދުވަހުގެ މި މަހާސިންތާގައި ޖުމްލަ ގޮތެއްގައި މަޝްވަރާކުރެވިގެން ދިޔައީ 3 ދާއިރާއެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ފޯރަމްގެ ފުރަތަމަ ދުވަހު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފޯރުކޮށްދޭ އާންމު މަސައްކަތްތައް ކައުންސިލްތަކާއި ގުޅިގެން ވިލަރެސްކޮށް ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމްކުރުމާ ގުޅޭ ގޮތުންނާއި ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ވަސީލަތްތައް ކައުންސިލްތަކަށް ހޯދައިދިނުމާއި، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުން އަދި އިދާރީ ދާއިރާތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރެވުނު ކަމަށް އެލްޖީއޭ އިން މައުލޫމާތުދެއެވެ. މިދާއިރާތަކުގެ މަޝްވަރާއަށްފަހު، އެ މަޝްވަރާތަކަށް ބިނާކޮށް ދާއިރާތަކާގުޅޭ ގޮންޖެހުންތަކާއި އޭގެ ހައްލު ބައިވެރިންނަށް ވަނީ ހުށަހަޅާފައެވެ.
ފޯރަމްގެ ދެވަނަ ދުވަހު ކައުންސިލްތަކުގެ ޕަރފޯމަންސް މިންކުރުމަށް ބޭނުންކުރާ ޕަރފޯމަންސް އިންޑެކްސް މުރާޖާކޮށް، ޕަރފޯމަންސް މިންކުރުމަށް ބޭނުންކުރާ ވޭރިއަބަލްތަކާ އެ ވޭރިއަބަލްތަކަށް މިހާރު ކަނޑައަޅާފައިވާ ވެއިޓޭޖްތައް ހުރިހާ ބައިވެރިންގެ މަޝްވަރާއާއި އެކު ފައިނަލްކުރެވިގެން ދިޔަކަމަށް އެލްޖީއޭ އިން ބުންޏެވެ.
އެލްޖީއޭ އިން ބުނީ މި މަހާސިންތާ ނިމިގެންދިޔައީ މަޝްވަރާކޮށް ހުށަހެޅި ކަންތައްތައް ބައިވެރިންގެ މެދުގައި ފައިނަލްކޮށް އެކަން ކުރާނެގޮތުގެ ޕްލޭނަކާއި އެކުގައި ކަމަށެވެ.
މިމަހާސިންތާގެ ރިޕޯޓާއި ޕްލޭން ކަމާގުޅޭ ވުޒާރާތަކަށް ހުށަހަޅުއްވާ، މަހާސިންތާގެ ތެރެއިން ކުރަން ނިންމުނު ކަންތައްތައް ތަންފީޒުވަމުންދާ މިންވަރު މޮނިޓަރކުރުމަށްވަނީ އެއްބަސްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް