ދުނިޔޭގެ ފުޓްބޯޅަ ތާރީޚް ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފަހު ސައުދީ އަރަބިއާގެ އެންމެ ކާމިޔާބު ކުލަބު އަލް ނަޞްރުގެ ދެވަނަ އަމާޒަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ސްޕެއިނުގެ އިތުބާރު ޑިފެންޑަރ ސާޖިއޯ ރާމޯސް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ސައުދީ ޕްރޮފެޝަނަލް ލީގުގެ އެންމެ ކާމިޔާބު ކުލަބުކަމުގައިވާ އަލް ނަޞްރުގެ ލީޑަރުން މަސައްކަތް ކުރަމުން އައީ ރޮނާލްޑޯއާއި އެކު ރާމޯސް ވެސް ގެނައުމަށް ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ އެންމެެ ބޮޑު އިސްކަމެއް ދިނީ ރޮނާލްޑޯ ގެނައުމަށް ކަމަށް އަލް ނަޞްރުން ބުނެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވަވެސް އެ ކުލަބުގެ ދެވަނަ އަމާޒަކީ ސްޕެއިންގެ އިތުބަރު ޑިފެންޑަރު ސާޖިއޯ ރާމޯސް ގެނައުން ކަމަށާއި އެގޮތުން މިސީޒަން ނިމުމާއި އެކު އެ މަސައްކަތް ފަށަން އަލް ނަޞްރުން ތައްޔާރު ވެފައިވާ ކަމަށް މާކާއިން ރިޕޯޓުކޮށްފައިވެއެވެ.
ރާމޯސް އަކީ ސްޕެއިންގެ ރެއާލް މެޑްރިޑުގައި ރޮނާލްޑޯއާއި އެކު ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުޅުންތެރިއެކެވެ. އެގޮތުން ރޮނާލްޑޯ އާއި އެކު ރާމޯސް ވަނީ ރެއާލަށ ކުޅެ ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. ގިނަ އަހަރުތަކެއް ވަން ދެން ރެއާލްގެ ކެޕްޓަން ބޭންޑް ވެސް އެޅި ރާމޯސް އޭނާގެ ދުވަސްވީ ކުލަބު ރެއާލް މެޑްރިޑް ދޫކޮށް ފްރާންސްގެ ޕިއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވި ރާމޯސް އޭނާ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުން ނިމުކަމަށް އަންނާނީ މި ސީޒަނުގެ ނިޔަލަށެވެ.
ދުނިޔޭގެ ރެކޯޑް ފީއަކަށް އަލް ނަޞްރުން ރޮނާލްޑޯގެ ސޮއި ހޯދިއިރު، ރާމޯސް ވެސް ގެނައުމަށް ހަމަ އެވަރުގެ ބޮޑު އަދަދެއް އެ ކުލަބުން ހުށައަޅާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. އަލް ނަޞްރުން ރާމޯސް ހޯދުމަށް މަސައްކަތް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނަސް ޕީއެސްޖީން ރާމޯސް ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި މި ސީޒަނަށް ފަހު ޕީއެސްޖީން ރާމޯސްގެ އެއްބަސްވުން އަލުން އާ ކުރާނެ ކަމަށް ވެސް ފްރާންސްގެ މިޑިއާތުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް