ޔޫރަޕް ފުޓްބޯޅަ ދޫކޮށްލި ސަބަބު ރޮނާލްޑޯ ކިޔައިދީފި

މީގެކުރިން ޔޫރަޕް ފުޓްބޯޅައިގައި ރަސްކަން ކުރަމުން އައި ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ސައުދީ އަރަބިއާގެ އެންމެ ކާމިޔާބު ކުލަބް އަލް ނަޞްރަށް ބަދަލުވި ސަބަބު ކިޔައިދީފިއެވެ. އުމުރުން 37 އަ...

31 Dec 2022 | 12:22

މީގެކުރިން ޔޫރަޕް ފުޓްބޯޅައިގައި ރަސްކަން ކުރަމުން އައި ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ސައުދީ އަރަބިއާގެ އެންމެ ކާމިޔާބު ކުލަބް އަލް ނަޞްރަށް ބަދަލުވި ސަބަބު ކިޔައިދީފިއެވެ.

އުމުރުން 37 އަހަރުގެ ފޯވާޑް ސައުދީ އަރަބިއްޔާގެ ކްލަބް އަލް ނަސްރުއާ ގުޅުނީ މިދިޔަ ހުކުރު ދުވަހުއެވެ. ރޮނާލްޑޯ އެ ކުލަބަށް ބަދަލުވީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން އަހަރު 234 މިލިއަން ޑޮލަރު (173 މިލިއަން ޕައުންޑް) ގެ މުސާރައަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ އަގުބޮޑު ޓްރާންސްފާއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރަސްގެ ފާނުކަމަށް ބެލެވިފައިވާ ރޮނާލްޑޯ ވަނީ މީގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑް، މެންޗެސްޓަރ ޔުނައިތެޑް އިޓަލީގެ ޔުވެންޓަސް ފަދަ ކުލަބުތަކަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. ޔޫރަޕް ފުޓްބޯޅައިގައި ރޮނާލްޑޯއަށް ހާސިލް ނުވާ ކަމެއް ނެތެވެ. އެހެން ކަމުން އަލް ނަޞްރަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ބުނީ އޭނާ ޔޫރަޕް ފުޓްބޯޅަ ދޫކޮށްލީ އިތުރަށް ޔޫރަޕް ފުޓްބޯޅައިން ދެން ހާސިލުކުރާނޭ އިތުރު ކާމިޔާބެއް ނެތުމުންނެވެ.

“އަހަރެންގެ ނަސީބު ވަރަށް ރަނގަޅު، ޔޫރަޕްގެ ފުޓްބޯޅައިގައި ކާމިޔާބު ކުރަން ބޭނުންވި ހުރިހާ ކާމިޔާބެއް ހާސިލް ކުރެވިއްޖެ،” އަހަރެން ވާނީ އެތައް ފަހަރަކު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައި. ފަސް ފަހަރު ބެލޮންޑިއޯ ހޯދިން." ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ޔޫރަޕް ފުޓްބޯޅަ ދޫކޮށް ސައުދީ އަރަބިއާ ލީގަށް ބަދަލުވީ ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި ކަމަށާއި އެގޮތުން މުޅިން އާ ތަޖުރިބާއަކާއި އެކު ރަނގަޅު ކާމިޔާބީތަކެއް ސައުދީ ލީގުގައި ހާސިލް ކުރަން ބޭނުންވާކަމަށެވެ. އޭނާ ބުނީ އަލް ނަސްރަށް ބަދަލުވެވުމުން ވަރަށް އުފާވާ ކަމަށާއި ބޭނުން ވަނީ އެ ކުލަބަށް ފުޓްބޯޅައިން އިތުރު ކާމިޔާބީތައް ހޯދައިދިނުން ކަމަށެވެ.

ރޮނާލްޑޯ ޔޫރަޕް ފުޓްބޯޅަ ދޫކޮށްލިއިރު، އޭނާ ވަނީ ޗެމްޕިއަންސް ލީގު ތަށި ފަސް ފަހަރު އަދި ލީގު ތަށި ހަތް ފަހަރު ހޯދާފައެވެ. އެއީ ޔޫރަޕްގެ ނަން މަޝްހޫރު އިނގިރޭސިވިލާތް، އިޓަލީ އަދި ސްޕެއިން ލީގުގައި ކުޅެގެންނެވެ.

ރޮނާލްޑޯގެ ސޮއި ހޯދުމަށް ފަހު އަލް ނަޞްރުން ބުނީ ރޮނާލްޑޯ ފަދަ ކުޅުންތެރިއެއް ސައުދީ އަރަބިއާ ލީގަށް ގެނައުމަކީ މާ ކުރިން ވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އެކަން ކާމިޔާބު ވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އަދި ރޮނާލްޑޯ ކުލަބާއި ގުޅުމަކީ ހަމަ އެކަނި އަލް ނަޞްރަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި އެއީ މުޅި ގައުމައަށް ވެސް ލިބުނު ބޮޑު ކުުރިއެރުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް