މިރޭ 12 އިން ފެށިގެން ޓެކްސް ބޮޑުވާތީވެ ސަމާލުވާން އެދިއްޖެ

މިރޭ 12 އިން ފެށިގެން .ޖީ.އެސް.ޓީ %12 އިން %16 އަށް، އަދި ޖީ.އެސް.ޓީ %6 އިން %8 އަށް ބޮޑުވާނެތީ މިކަމަށް ވިޔަފާރިތަކުން ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން އިލްތިމާސް ކޮށް...

31 Dec 2022 | 07:45

މިރޭ 12 އިން ފެށިގެން .ޖީ.އެސް.ޓީ %12 އިން %16 އަށް، އަދި ޖީ.އެސް.ޓީ %6 އިން %8 އަށް ބޮޑުވާނެތީ މިކަމަށް ވިޔަފާރިތަކުން ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން އިލްތިމާސް ކޮށްފިއެވެ.

އެގޮތުން މީރާއިން ނެރުނު ބަޔާނެއްގައި ބުނީ ޓެކްސްގެ މިންވަރަށް އަންނަ ބަދަލަށް ވިޔަފާރިތަކުން ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ހިމެނޭ 'ފެކްޓް ޝީޓް' އެއް އެ އިދާރާގެ ވެބްސައިޓުގައި އާންމުކޮށްފައި ވާނެކަމަށެވެ.

މީރާއިން ބުނީ އެ އިދާރާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ 'ފެކްޓް ޝީޓް' ގައި ޓެކްސް ނަގާ މިންވަރު ބަދަލުވުމާގުޅިގެން "ކަޓް-އޯފް ވަގުތު" ކަނޑައަޅައި، ޖީއެސްޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް ހިމަނައިފާނެ ކަމަށެވެ.

މިގޮތުން 24 ގަޑިއިރު ހިދުމަތް ނުދޭ ވިޔަފާރިތަކުން އާ ރޭޓުގައި ޖީއެސްޓީ ނަގަން ޖެހެނީ ޖެނުއަރީ 1، 2023 ގައި އެ ވިޔަފާރިތަށް ހުޅުވާ ވަގުތުން ފެށިގެން ކަމަށް މީރާއިން ބުނެފައި ވާއިރު، 24 ގަޑިއިރު ހިދުމަތްދޭ ވިޔަފާރިތަކުން މިރޭ 12 އިން ފެށިގެން އާ ރޭޓުގައި ޖީއެސްޓީ ނަގަން ޖެހޭނެ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

މީރާއިން ނެރުނު ބަޔާނުގައި ބުނީ މާދަމާއިން ފެށިގެން ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުގެ އަގު ޖަހާފައި ހުންނަންވާނީ އާ ރޭޓުގައި ޖީއެސްޓީ ހިމަނައިގެން ކަމަށެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް މިއިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށާއި، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް