ސިންގަޕޫރުގައި އަންހެނަކު ފާހާނައިގާ ތާށީވެ ހަތަރު ދުވަސް !

ސިންގަޕޫރުގައި އަންހެނަކު ފާހާނައިގެ ތެރޭގައި ތާށިވެ ހަތަރު ދުވަސް ހޭދަކުރަން ޖެހިއްޖެއެވެ. ސިންގަޕޫރުގެ ނޫސްތަކުގައި އެ އަންހެންމީހާއާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން 31 އަހަރުގެ އެ އަން...

31 Dec 2022 | 06:44

ސިންގަޕޫރުގައި އަންހެނަކު ފާހާނައިގެ ތެރޭގައި ތާށިވެ ހަތަރު ދުވަސް ހޭދަކުރަން ޖެހިއްޖެއެވެ.

ސިންގަޕޫރުގެ ނޫސްތަކުގައި އެ އަންހެންމީހާއާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން 31 އަހަރުގެ އެ އަންހެންމީހާ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ފާހާނާއަށް ވަނީ އެ ދުވަހު އޮފީހަށް ދިއުމުގެ ކުރިއަށް ފެންވަރާލާށެވެ.

އެ އަންހެން މީހާ އެ އެޕާޓްމެންޓުގައި ދިރިއުޅެމުންދިޔައީ އެކަންޏެވެ.

ފާހާނައިގެ ތަޅު ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާކަން ފާހަގަވި ނަމަވެސް އެ އަންހެން މީހާ އެ ދުވަހު ފާހާނާއަށް ވަނީ އެކަމަށް ހައްލެއް ގެންނާނީ ފަހުންކަމަށް ނިންމުމަށްފަހުގައިކަމަށް އެ އަންހެންމީހާ ބުންޏެވެ. އަދި އޭނާއަކީ ފާހާނާއަށް ފޯނު ވެއްދުމުގެ އާދަ ނުގެންގުޅޭ މީހެއްކަމުން ފޯނު އޮތީ ކޮޓަރީގައިކަމަށްވެސް ބުނެފައިވެއެވެ.

ފެންވަރާލައިގެން ނިކުންނަން އުޅުނު އިރު ފާހާނައިގެ އަތްގަނޑު އަތަށް އައުމުން ދޮރުހުޅުވަން ވަރަށް މަސައްކަތްކުރިކަމަށާއި ނަމަވެސް ދޮރު ވަރުގަދަވެފައި ދޮރުގެ ތަޅުވެސް ވަރުގަދަކަމުން އެކަން ކާމިޔާބުވާގޮތްނުވެ ފާހާނައިގެ ފެން އިސްކުރުން ފެން ބޮއެގެން، ފާހާނަ މަތީގައި އިށީނދެލައިގެން އިނދެ ނިދައިގެން އެ އަންހެންމީހާއަށް ހަތަރު ދުވަސް ހޭދަކުރަންޖެހުނުކަމަށް ބުނެފައިވެއެވެ.

އެ އަންހެންމީހާ ބުނީ ކޮންމެ ދުވަހަކުވެސް ހެނދުނު ވަގުތުގައި ވަރަށް ގިނައިރުވަންދެން ދޮރުގައި ތަޅަން ހުންނަކަމަށާއި ނަމަވެސް މީހެއްގެ އެހީތެރިކަމެއް ހަތަރު ދުވަސްވަންދެންވެސް ދިޔައީ ނުލިބިކަމަށް ބުނެފައިވެއެވެ.

ފުލުހުން އެ އަންހެންމީހާ ހޯދުމުގެ މަސައްކަތްފެށީ އޭނާގެ ހަބަރެއް ނުވާތީ އާއިލާ މީހަކު ޕޮލިހަށް ރިޕޯޓް ކުރުމުންނެވެ. އެ ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ ސިންގަޕޫރު ޕޮލިސް ޕޭޖުގައި ބުނެފައިވާގޮތުގައި ފުލުހުން ގޮސް ފުރަތަމަ ވާހަކަ ދެއްކީ އަވަށްޓެރިންނާއެވެ. އަދި އެ އަންހެންމީހާ ދިރިއުޅުނު އެޕާޓްމެންޓާއި ޖެހިގެން ހުރި އެޕާޓްމެންޓުގައި ފުލުހުން ތިބި އިރު މީހަކު ލަވަކިޔާ އަޑު ވަރަށް މަޑުން އިވިގެން އެ އަންހެންމީހާގެ އެޕާޓްމެންޓްގެ ދޮރު ސެކިއުރިޓީ މެދުވެރިކޮށް ހުޅުވައިގެން އެ އެޕާޓްމެންޓަށް ވަދެ އެ އަންހެން މީހާ ފާހާނައިން ސަލާމަތްކޮށްދިނީ ކަމަށެވެ.

އެ އަންހެންމީހާ ހަތަރު ދުވަސް ފާހާނައިގާ ހޭދަކުރިނަވެސް ހާލު ދެރަވެފައިނުވާކަމަށާއި ހުރީ ދުޅަހެޔޮ ސިއްހަތެއްގައިކަމަށް ބުނެފައިވެއެވެ.

އެ އަންހެންމީހާ ބުނެފައިވަނީ ފާހާނައިގާ ދިރިއުޅެންޖެހުނު ހަތަރު ދުވަހަކީ ވަރަށް ގިނަ ކަންކަމާ ވިސްނަން ފުރުސަތު ލިބުނު ހަތަރު ދުވަސްކަމަށާއި އެކަނި އުޅޭ މީހަކު ވިސްނުން ބަހައްޓަންޖެހޭ ގިނަ ކަންކަމާއިމެދު ވިސްނާ ވަރަށް ފިކުރު ކުރި ކަމަށެވެ. އަދި އިތުރު ފޯނެއް ގަނެ ފާހާނައަށް ހާއްސަ ފޯނެއް ބާއްވަން ނިންމާފައިވާނެކަމަށްވެސް އޭނާ ބުނެފައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް