ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއާގެ ޕްރޮ ލީގުގެ އެންމެ ކާމިޔާބު ކުލަބުކަމަށް ވާ އަލް ނަސްރުއަށް ސޮއިކޮށްފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރޮނާލްޑޯ އަލް ނަސްރު އަށް ސޮއިކުރިކަން ކަށަވަރުކޮށް ދެމުން ސީބީއެސް ސްޕޯޓްސް އިން ބުނެފައި ވަނީ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އަލް ނަސްރުއާއެކު ހުކުރުދުވަހު ސޮއިކޮށްފި ކަމަށާއި އަދި ރޮނާލްޑޯ އެ ކުލަބާއި އެކު ސޮއިކުރީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގައި ކަމަށެވެ.
ސްޕެއިންގެ ރިޕޯޓްތައް ބުނާ ގޮތުގައި އަލް ނަސްރުއާއި އެކު ރޮނާލްޑޯ ހަދާފައިވަނީ ހަތް އަހަރުގެ ޑީލެކެވެ.
އެ ޑީލްގެ ދަށުން އެމްބެސެޑަރެއްގެ މަޤާމުވެސް ރޮނާލްޑޯ އަދާކުރާނެއެވެ.
އެގޮތުން ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދެ އަހަރާއި ބައި ގެ މުއްދަތެއް ހޭދަކުރުމަށް ފަހުން ދެން އެއްބަސްވުމުގެ ބާކީ ބައި ރޮނާލްޑޯ އަދާކުރާނީ އެމްބެސެޑަރެއްގެ މަޤާމެވެ. އަދި ރޮނާލްޑޯ އެމްބެސެޑަރެއްގެ ދައުރު އަދާކުރާއިރު، އޭނާގެ މުސާރަ އިތުރުވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެމްބެސެޑަރެއްގެ މަޤާމު ހަވާލުވުމުން ރޮނާލްޑޯގެ އެންމެ އިސް ދައުރަކަށް ވާނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން މިސްރާއި ގްރީސްއާ އެކު ސައުދީ އަރަބިއްޔާއިން ކުރާ ބިޑަށް އެހީތެރިވުމެވެ.
ރޮނާލްޑޯ ފުރަތަމަ ސައުދީ ޓީމަށް ސޮއިކުރަން އުޅޭ ކަމަށް ބުނެ މީޑިއާގައި ދެކެވުނު ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ. އޭރު ރޮނާލްޑޯ ބުނީ ސައުދީ ކުލަބް އަލް ނަސްރުއަށް އޭނާ ދާން އުޅޭކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ރޮނާލްޑޯ ސޮއިކުރިކަމަށް ރިޕޯޓުތައް ބުނާއިރު، އަލް ނަޞްރު އަކީ ސައުދީ ގެ އެންމެ ކާމިޔާބު ކުލަބެވެ. އެގޮތުން އެ ކުލަބުން ވަނީ ސައުދީ ޕްރޮ ލީގު ޗެމްޕިއަންކަން ނުވަފަހަރު ހޯދާފައެވެ. އެ ކްލަބުން އެންމެ ފަހުން ލީގު ޗެމްޕިއަންކަން ހޯދީ 2019 ވަނަ އަހަރުގައެވެ.
އަލް ނަސްރުން ރޮނާލްޑޯ ގެނައުމަށް ހުށަހަޅާފައިވަނީ އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއް ކަމަށް ރިޕޯޓުތައް ބުނާއިރު، އެ 200 މިލިއަން ޔޫރޯ އަކީ މުސާރައިގެ އިތުރުން ކޮމާޝަލް ޑީލުތައް ހިމަނައިގެން ހުށަހަޅާފައިވާ އަދަދެއްކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ދެ އަހަރާއި ބައިގެ މި އެއްބަސްވުމުގެ ދަށުން ރޮނާލްޑޯއަށް 450 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއްގެ މުސާރައެއް ލިބޭނެކަމަށް ވަނީ ބެލެވިފައެވެ.
ރޮނާލްޑޯ އަލް ނަސްރާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، ރޮނާލްޑޯ އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް އިއުލާނު ކުރާނީ ހޮނިހިރު ދުވަހު ސައުދީ ޕްރޮ ލީގުގައި އަލް ނަސްރުން ކުޅޭ މެޗަށްފަހުގައި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް