މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "ޕޯޓް ސޭފްޓީ ރަން" ގެ ނަމުގައި ޚާއްސަ ދުވުމެއް ބާއްވައިފިއެވެ.
މިއީ ޑިސެމްބަރު 26 ން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތެވެ.
ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައިވާ މި ދުވުމުގައި އަންހެން އަދި ފިރިހެން ކެޓަގެރީން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދީފައެވެ.
އެއްވަނައަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނަޔަށް 500 ރުފިޔާ ވަނީ ދީފައެވެ.
ފިރިހެން ކެޓަގެރީއިން އެއްވަނަ ހުސައިން ރިޒާ ހޯދި އިރު، ދެވަނަ ހޯދީ އާބިދްއެވެ. އަދި ތިންވަނަ ހޯދީ ފަރްހާދުއެވެ. މި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.
އަންހެން ކެޓަގަރީން އެއްވަނައަށް ޝަމްހާ ދިޔައިރު ދެވަނައަށް ދިޔައީ ހުސްނާ މުހައްމަދެވެ. އަދި ތިން ވަނަޔަށް ދިޔައީ ނަޝީދާ އަލީއެވެ. މި ކެޓެގެރީން ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފެވެ.
މީގެއިތުރުން ދުވުމުގައި ޖާރޒީ ވިއްކައިގެން ލިބުނު 23،700 ރުފިޔާ ވަނީ ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް)އަށް ހަދިޔާކޮށްފައެވެ. އާކް އާއި ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުހައްމަދު މުއިއްޒުއެވެ.
އެމްޕީއެލްއިން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުމެވެ. އަދި، ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާ ކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް