ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ވަނީ އެންމެ މާތް ދުވަސް ކަމުގައި ލައްވަވާފައި

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ވަނީ އެންމެ މާތް ދުވަސް ކަމުގައި ލައްވަވާފައެވެ. ހުކުރު ދުވަހަށް يوم الجمعة އޭ ޢަރަބި ބަހުގައި ކިޔުނީ މި ދުވަހަކީ އެންމެހާ މުސްލިމުން ހަފްތާއަކު އެއްދުވަހު...

31 Dec 2021 | 04:47

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ވަނީ އެންމެ މާތް ދުވަސް ކަމުގައި ލައްވަވާފައެވެ. ހުކުރު ދުވަހަށް يوم الجمعة އޭ ޢަރަބި ބަހުގައި ކިޔުނީ މި ދުވަހަކީ އެންމެހާ މުސްލިމުން ހަފްތާއަކު އެއްދުވަހު ބޮޑު ޖަމާޢަތަކަށް ޖަމާކުރާ ދުވަހަކަށް މި ދުވަސް ވާތީއެވެ. މި ޚާއްޞަ ޖަމާޢަތައް މުސްލިމު ޒުވާނުންނާ ކުޑަކުދިންނާ މުސްކުޅި ފިރިހެނުން ޚާއްޞަ ސަމާލުކަމެއް ބަހައްޓައެވެ.

ހުކުރު ދުވަހަކީ ކޮންމެ ހަފްތާއަކު އެއްފަހަރު މުސްލިމުންނާ ބައްދަލުކުރާ ޢީދެކެވެ. މިއީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މޮޅު އަދި އެންމެ މާތް ދުވަސްކަމުގައި މާތް ﷲ ލައްވަވާފައިވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރާ މި އުންމަތުގެ މުސްލިމުންނަށްޓަކައެވެ. އެހެންކަމުން ހަފްތާގެ ދުވަސްތަކުން އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަސް ކަމުގައި ބަޔާން ކުރައްވައި މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ

“އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމްގެފާނު ޚަލްޤުކުރެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއަށް ވެއްދުނީވެސް އެދުވަހުގައެވެ. އަދި ސުވަރުގެއިން ނެރެލެވުނީވެސް އެދުވަހުގައެވެ. އަދި ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތް ޤާއިމު ނުވާހުށްޓެވެ.”‏

ހުކުރު ދުވަހުގެ މާތްކަމުން ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މުސްލިމުން ކަށްވަޅުގެ ޢަޒާބުން ސަލާމަތް ކުރައްވާ ކަމުގައި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. މި ޙަދީސްފުޅުގެ މާނައިގައި ވަނީ

“ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ﷲ ތަޢާލާ ސަލާމަތް ކުރައްވަވާ ކަމުގައެވެ.

ހުކުރު ދުވަހުގެ އެންމެ މާތް އެންމެ ބޮޑު އަޅުކަމަކީ ހުކުރު ނަމާދުގެ ޖަމާޢަތެވެ. ހުކުރު ނަމާދުގެ މަތިވެރިކަން އަންގަވައި ޖުމުޢަ ސޫރަތުގެ ނަމުގައި ކީރިތި ޤުރުއާނުގައި މާތްﷲ ސޫރަތެއް ބާވައިލައްވަވާފައި ވާއިރު، މި ސޫރަތުގައި މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައި ގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”

އެހެންކަމުން ބުއްދިއާއި ޞިއްޙަތު ސަލާމަތުންހުރެ ރަށުގައި ޤާއިމުވެހުރި ބާލިޣުވެފައިވާ، މިނިވަން ކޮންމެ މުސްލިމު ފިރިހެނަކަށް މާތްﷲ އަންގަވައި އަމުރު ކުރައްވާފައި މިވަނީ ހުކުރު ނަމާދަށް ގޮވާލެވޭހިނދު ވިޔަފާރިތައް ހުއްޓާލައި، ﷲ ހަނދުމަކުރުމަށް ވަގުތުން މިސްކިތަށް ހިނގައިގަތުމަށެވެ. އެހެނީ ހުކުރު ނަމާދަކީ މިފަދަ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ޢައިނިއްޔަ ފަރުލަކަށް ވުމާއެކު ހުކުރު ދުވަހުގައި ޖަމާޢަތުގައި ކުރެވޭ ހުކުރު ނަމާދުގެ ދެ ރަކުޢަތުގެ ސަބަބުން އެ ދުވަހުގެ މެންދުރު ނަމާދުވެސް ކީރިތި ﷲ ވަނީ މި ޖަމާޢަތުގައި ބައިވެރިވީ ކޮންމެ މުސްލިމަކަށް ޢަފޫ ކޮށްދެއްވަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް