ޤައުމު ސަލާމަތް ކުރަން ސަރުކާރަށް ނޫނެކޭ ބުނަން ކެރޭ ފުރަތަމަ ދާއިރާއަށް ކޮމަންޑޫ ދާއިރާ ވުން މުހިންމު: ފަތުހީ

ޤައުމު ސަލާމަތް ކުރުމަށް ސަރުކާރަށް ނޫނެކޭ ބުނަން ކެރޭ ފުރަތަމަ ދާއިރާ އަށް ކޮމަންޑޫ ދާއިރާ ވުން މުހިންމު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ޓިކ...

31 Dec 2021 | 02:38

ޤައުމު ސަލާމަތް ކުރުމަށް ސަރުކާރަށް ނޫނެކޭ ބުނަން ކެރޭ ފުރަތަމަ ދާއިރާ އަށް ކޮމަންޑޫ ދާއިރާ ވުން މުހިންމު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ ވިދާޅުވެއްޖެއެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ. މި ދާއިރާއަށް ތިން ޕާޓީއަކުން ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

އިދިކޮޅު ޕީޕީއެމް އިން ކޮމަންޑޫ ދާއިރާ އަށް ވާދަ ކުރައްވާ ކެނޑިޑޭޓް ފަތުހީ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ފެންނަން ހުރި ނަމަވެސް އެ އިންތިހާބަކީ ގައުމީ ކަމަކަށް ވެގެން ގޮސްފައިވާ ކަމުގައެވެ.

ރާއްޖެ މިއަދު އޮތް ހިސާބުން އަލުން ނަގަން އެބަޖެހޭ ކަމަށާއި، އެހެންކަމުން، ރާއްޖޭގެ ކުރިމަގަށްޓަކައި މި އިންތިހާބުތަކުގެ ނަތީޖާ ވަރަށް މުހިއްމު ކަމުގައި ފަތުހީ ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށާއި، އެމްޑީޕީ އަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބުނަ ނުދިނުމަށްޓަކައި ހުރިހާ ރައްޔިތުން ވެސް އަޒުމާއި އެކު މަސައްކަތް ކުރަންޖެހޭ ކަމުގައި ފަތުހީ ވިދާޅުވިއެވެ.

މީގެ އިތުރުން، ޤައުމު ސަލާމަތްކުރުމަށް ސަރުކާރަށް ނޫނެކޭ ބުނަންކެރޭ ފުރަތަމަ ދާއިރާއަށް ކޮމަންޑޫ ދާއިރާވުން މުހިއްމު ކަމުގައި ފަތުހީ ވިދާޅުވިއެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް ކަމާއި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ފަތުހީ ވިދާޅުވީ އޭނާ މަޖިލިސް އިންތިހާބުގައި ވާދަކުރަނީ ލާމަރުކަޒީ އުސޫލުން ކަންކަން ކުރުމުގެ ތަޖުރިބާ ހޯއްދަވައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ހިތްވަރާ އަޒުމާ އެކު ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވާ ފަރާތްތަކުގެ މެދުގައި ނަންތައް ތަރުތީބު ކުރުން އިލެކްޝަނަން ކޮމިޝަނުން ރޭގެ ވަގުތެއްގައި ކުރިއަށް ގެންގޮސްފައި ވެއެވެ.

ކެންޑިޑޭޓު ނަމްބަރު އެކެއް ލިބިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރާޝިދު އަަށެވެ. ފަތުހީއަށް ކެންޑިޑޭޓު ނަމްބަރު ދޭއް ލިބުނު އިރު ކެންޑިޑޭޓު ނަމްބަރު ތިނެއް ލިބިފައިވަނީ އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާން އިދުރީސް އަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވޯޓުލުން ކުރިއަށް ގެންދާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް