އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ނަގަމުންދިޔަ މީހަކު ހައްޔަރުކޮށްފި

ނުދަންނަ ނަމްބަރުތަކުން ގުޅައި އޮޅުވާލައިގެން އެކި މީސްމީހުންގެ އެކައުންޓްތަކުން މަކަރާ ހީލަތުން ފައިސާ ނަގަމުންދިޔަ މީހަކު ލ. އަތޮޅުން ހައްޔަރުކޮށްފިއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން...

31 Dec 2015 | 05:42

ނުދަންނަ ނަމްބަރުތަކުން ގުޅައި އޮޅުވާލައިގެން އެކި މީސްމީހުންގެ އެކައުންޓްތަކުން މަކަރާ ހީލަތުން ފައިސާ ނަގަމުންދިޔަ މީހަކު ލ. އަތޮޅުން ހައްޔަރުކޮށްފިއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މިފަދަ މައްސަލަތައް ޙައްލުކުރުމަށް ފުލުހުންގެ ޚާއްޞަ ތަހްޤީޤު ޓީމެއް އެކުލަވާލައި ފަށާފައިވާ މަސައްކަތާއެކު ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކޯޓް އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި 32 އަހަރުގެ މީހާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙުޤީޤު ކުރުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ލ. ގަން މެޖިސްޓްރޭޓް ކޯޓުން ދީފައި ވާކަމަށެވެ.

އެކި މީސްމީހުންގެ އެކައުންޓްތަކުން އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ނަގަމުންދާ މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ބެންކް އޮފް މޯލްޑިވްސް އާއި ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ކުންފުނިތައް ގުޅިގެން ވަރަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާ ކަން ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވިއެވެ. މި މަސައްކަތް ފަށައި އެގޮތަށް ފައިސާ ނަގެމުގެ މުޢާމަލާތްތައް ހިންގާ ނަމްބަރުތައް ހޯދުމަށް ފުލުހުން ވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ ގައި އެދިފައެވެ.

ޗީފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒް ވިދާޅުވީ ފުލުހުންގެ ޚާއްޞަ ތަހްޤީޤު ޓީމެއް އެކުލަވާލައިގެން ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްތަކެއް ފަށާފައިވާއިރު އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅުންވެސް މަދުވަމުން އަންނަ ކަމަށެވެ.

މުޙައްމަދު ރިޔާޒް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތާއެކު މި މައްސަލަތަކުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރެވުމަކީ ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށާއި މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަކަރާ ހީލަތުން މިގޮތަށް މީހުންގެ އެކައުންޓްތަކުން ފައިސާ ނެގުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ފުލުހުންނާ ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރާނެ ކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް