ހޫނުގަދަ ވަގުތެއްގައި މާރުކޭޓު ސަރަހައްދުގައި އަނބު ވިއްކަން އިން ބިދޭސީއެއް - ދުވަސް ފޮޓޯ: އަޒްމީ އަލީ
ގަދަ ހޫނުގެ ސަބަބުން 2040 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އިގްތިސާދަށް އަހަރަކު ގާތްގަނޑަކަށް 576 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ ދިރާސާއަކުން އަންދާޒާކޮށްފިއެވެ.
އިއްޔެ ޝާއިޢުކުރި ދިރާސާގައިވާ ގޮތުން، މަސައްކަތްކުރާ ތަންތަނުގައި ހޫނު ބޮޑުވުމުގެ ސަބަބުން، 2040 ވަނަ އަހަރު ވާއިރު ރާއްޖެއިން ގާތްގަނޑަކަށް 2،400 ފުލްޓައިމް ވަޒީފާއާ އެއްވަރުގެ މަސައްކަތު ވަގުތު ގެއްލިދާނެއެވެ. މި ޢަދަދުތައް ލަފާކޮށްފައިވަނީ 1985 އިން 2014 އާ ހަމައަށް މުއްދަތާ އަޅައިބަލައިގެންނެވެ.
ދިރާސާގައި ބުނާ ގޮތުން، ރާއްޖޭގައި ހޫނުގެ އެންމެ ބޮޑު އަސަރު ކުރާނީ ޚިދުމަތްދޭ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާއަށެވެ. 2023 ވަނަ އަހަރު ވެސް މި ސަބަބުން ރާއްޖެއަށް އިތުރު މަސައްކަތު ވަގުތާއި ޖީޑީޕީ ގެއްލިފައިވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައިވާ އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރ ޖޯނީ ސިމްސަން ބުނީ، "ގަދަ ހޫނުގެ ސަބަބުން މިހާރުވެސް މަސައްކަތްތެރިންނަށާއި، ވިޔަފާރިތަކަށާއި، އިގްތިސާދަށް އަސަރުކުރަމުންދާކަން މި ދިރާސާތަކުން ސާފުކޮށްދޭ" ކަމަށެވެ.
ދިރާސާގައި ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އެންމެ ހޫނު ވަގުތުތައް ނުޖެހޭ ގޮތަށް މަސައްކަތު ގަޑިތައް ބަދަލުކުރުމާއި، ހިޔާ، ބުއިން އަދި ފިނިކުރުމުގެ އިންތިޒާމުތައް ފޯރުކޮށްދިނުމާއި، މަސައްކަތްކުރާ ތަންތަނުގެ ސަލާމަތާއި ޞިއްޙަތުގެ މިންގަނޑުތައް ހަރުދަނާކުރުން ހިމެނެއެވެ. އަދި ގަޑި ކުޑަކުރެވިއްޖެނަމަ އާމްދަނީ ގެއްލޭ މަސައްކަތްތެރިންނަށް އިޖުތިމާޢީ ރައްކާތެރިކަން ފުޅާކުރުމަށް ވެސް ގޮވާލާފައިވެއެވެ.
މި ދިރާސާއަކީ ލަންކާ، އިތިއޮޕިއާ، ގާނާ، ލުބުނާން އަދި ސެނެގާލް ހިމެނޭ ހަ ޤައުމެއްގައި ހިންގި ދިރާސާއެއްގެ ބައެކެވެ. ދިރާސާގައިވާ ގޮތުން 2040 ވަނަ އަހަރު ވާއިރު ލަންކާއިން ގާތްގަނޑަކަށް 145،000 ފުލްޓައިމް ވަޒީފާއާ އެއްވަރުގެ ވަގުތު ގެއްލި، އެ ޤައުމަށް އަހަރަކު ގާތްގަނޑަކަށް 26 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިދާނެއެވެ. ދިރާސާ ހިންގީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް އަދި ވީ20 ފިނޭންސް މިނިސްޓަރުންގެ ގްރޫޕުގެ އެހީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް