ހއ. އިހަވަންދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
އެގޮތުން އިހަވަންދޫ ޑޮޓްކޮމްގައި މިރޭ ރިޕޯޓުކޮށްފައިވާގޮތުގައި މި އެކްސިޑެންޓް ހިނގީ ހަވީރު 05:25 ހާއިރުގައެވެ. އެކްސިޑެންޓް ހިނގީ އެ ރަށު ވަށައިގެން އޮންނަ ރިންގް ރޯޑްގެ ހުޅަނގު ދެކުނު ސަރަހައްދުގައެވެ.
"މިއެކްސިޑެންޓްގައި 18 އަހަރުގެ ދެ މީހަކަށްވަނީ އަނިޔާވެފަ، އެއީ ސައިކަލް ދުއްވަންއިންމީހާ އަދި ސައިކަލްގެ ފަހަތުގައި އިންމީހާއެވެ. އެމީހުންނަށް މިހާރު އަންނަނީ އިހަވަންދޫ އާމިނާދިޔޯ ސިއްޙީމަރުކަޒުގައި ފަރުވާ ދެމުންނެވެ. އިތުރުފަރުވާއަށްއެ ދެ މީހުންވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވައިލުމުގެ މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ. ދެ މީހުންގެ ގަށިގަނޑުގެ އެކިތަންތަން ޒަހަމްވެފައިވާއިރު ދެ މީހުންގެ ބޮލުގައިވެސް އެކިވަރުގެ ޒަހަމްތައް ހުރިކަމަށް މައުލޫމާތު ލިބެއެވެ." އިހަވަންދޫ ޑޮޓްކޮމްގައި ރިޕޯޓްކޮށްފައިވެއެވެ.
އެ ނޫހުގައި ބުނެފައިވާގޮތުގައި މިއެކްސިޑެންޓް ހިނގާފައިވާނީ، ލަނބާލަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓްރޯލް ނުވެގެންނެވެ. އެކްސިޑެންޓްގައި ހިނގި ސައިކަލް އޮތީ ވިއްސައިގެންގޮސް މަގަށްވުރެ ބޭރުން 30 ވަރަކަށް ފޫޓްގެ ދުރުގައި އާނުގަނޑު މަތީގައި ކަމަށާއި އެކްސިޑެންޓް ހިނގި ސަރަހައްދަކީ ރަށުގެ ފުއްޓަރު ފަރާތްކަމަށް ވުމާއި، ގައު ކުނޑިފަދަ ތަކެތި އުކުމަށް ހާއްސަ ސަރަހައްދުކަމުން އެސަރަހައްދަށް މީހާކުވެއްޓިއްޖެނަމަ ވަރަށްބޮޑަށް އަނިޔާވުން އެކަށީގެންވާކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް