މި މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއާއެކު އިޒްރޭލުން އިއުލާނުކުރި ހަނގުރާމައިގެ މާސްޓަރ ޕްލޭނެއް ލީކުވެއްޖެއެވެ.
މި ޕްލޭން ފުރަތަމަ ފެންމަތި ކުރީވެސް އިޒްރޭލުގެ މީޑިއާއަކުންނެވެ. ފަހުން އިޒްރޭލުންވެސް އަދި ނަތަންޔާހޫގެ އޮފީހުންވެސް މި ޕްލޭނަކީވެސް އޮތް ޕްލޭނެއް ކަމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް އެ ޕްލޭން އޮތް ނަމަވެސް އެއީ ރަސްމީ ޕްލޭނަށް ވުން ލާޒިމު ނޫންކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެއެވެ.
އިޒްރޭލުން އެއީ ރަސްމީ ޕްލޭނެއް ނޫން ކަމަށް ބުނި ނަމަވެސް އަމަލުކުރަމުން އަންނަނީ އެ ޕްލޭނާއި އެއްގޮތަށް ކަމުގައި ސިފަވާކަމަށް މަސްރަހު ދިރާސާކުރާ އެނަލިސްޓުން ބުނެއެވެ.
އޮކްޓޯބަރު 12 ގައި އެކުލަވާލާފައިވާ އެ ޕްލޭނުގައި ބުނަނީ ޣައްޒާގެ އެންމެހާ ރައްޔިތުން މިސްރުގެ ބޯޑަރު ސަރަހައްދަށް ޖަމާކުރުމެވެ. އެ މޭރުމުން އެކަން ކުރުމަށް އިޒްރޭލުން ތަކުރާރުކޮށް އިންޒާރު ދެމުން ގޮސްފައިވެއެވެ.
އެ ޕްލޭންގައި ބުނަނީ އިޒްރޭލު ހަރަދުގައި އެ ސަރަހައްދުގައި އިންސާނީ އެހީ ދިނުމަށް ރެފިއުޖީ ކޭމްޕްތަކެއް ބިނާކޮށް އެންމެ ފުރަތަމަ ބޮޑު ޓެންޓް ސިޓީއެއްގެ ގޮތުގައި ޣައްޒާގެ ރައްޔިތުން ރަފާ ބޯޑަރު ސަރަހައްދުގައި ކޭމްޕު ޖައްސުވާނީ ކަމަށާއި އޭރަށް އިންސާނީ އެހީދެނީކަމުގައި ބައިނަލްއަގްވާމީގޮތުން އެންމެނަށް ސިފަ ވާނެ ކަމަށާއި އަދި ފުރުސަތުގެ ބޭނުން ހިފައި ދެ މިލިޔަނެއްހާ ޣައްޒާގެ ރައްޔިތުން މިސްރަށް ފައްސާލުމަށް އެ ޕްލޭންގައި ރާވާފައިވެއެވެ.
މި ޕްލޭން ލީކުވެފައިވާއިރު އިޒްރޭލުން މިހާރުވެސް އަމަލުކުރަމުން އަންނަނީ އެ މަގުންނެވެ. ތަކުރާރުކޮށް އިންޒާރުދެމުން އަންނަނީ ޣައްޒާގެ ދެކުނު ބިތަށް އެންމެން ޖަމާވުމަށެވެ. އެއީ ޣައްޒާއާއި މިސްރު ގުޅޭ ރަފާ ބޯޑަރު ސަރަހައްދެވެ.
އެހެން ނަމަވެސް ޣައްޒާގެ ރައްޔިތުން އިޒްރޭލުގެ އެ އިންޒާރުތަކަށް އަމަލުކޮށްފައެއް ނުވެއެވެ.
އެހެންކަމުން އިޒްރޭލުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ބިމުގެ މަގުން ޣައްޒާއަށް ވަދެގަނެ ރައްޔިތުން އަނެއްކާވެސް އެ ބޯޑަރު ސަރަހައްދަށް ފޮނުވާލުމަށެވެ.
މި ޕްލޭނާއިމެދު އިޒްރޭލުން ބުނަނީ އެއީ އެކުލަވާލި ޕްލޭނެއް ނަމަވެސް ސީދާ އެ ޕްލޭނަށް އަމަލުކުރަމުންނުދާކަމަށެވެ. އަދި އިޒްރޭލުން ބޭނުންވަނީ ހަމާސް އެކުގައި ނައްތާލާ ޣައްޒާގައި އިޒްރޭލުގެ ބާރު އޮންނަ ސަރުކާރެއް އެކުލަވާލަން ކަމަށް މިއަދުވެސް ތަކުރާރުކޮށް އިޒްރޭލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް