ކުރިއަށް އޮތް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެގޮތުން އިއްޔެ މަޖިލީހަށް ހުށަހެޅި އެ ބަޖެޓަކީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ހުށަހަޅާފައިވާ ބަޖެޓަށް ބަލައިލާއިރު މި ހިނގާ 2023 ވަނަ އަހަރާ އަޅާބަލާއިރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީ 3.4 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއީ 33.5 ބިލިއަން ރުފިޔާއެވެ.
49.5 ބިލިއަން ރުފިޔާއިން ހަރަދުގެ ގޮތުގައި 47.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ދަރަނި އަނބުރާ ދެއްކުމަށް 2.2 ބިލިޔަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. 34.8 ބިލިއަން ރުފިޔާ ރިކަރެންޓް ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވާއިރު އެ އަދަދަކީ ހުށަހެޅި އަދަދުގެ ޖުމްލަ 70.2 އިންސައްތައެވެ.
ހުށަހެޅި ބަޖެޓުގައި އަންނަ އަހަރު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް 8.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ބަޖެޓުން 7.4 ބިލިއަން ރުފިޔާ ހޭދަކުރާނީ ދަރަނި ސާވިސް ކުރުމުގެ މަސައްކަތަށް ކަމަށާއި އެވަރުގެ އަދަދެއް އެކަމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރު ބޭރުފައިސާގެ ބޮޑެތި ދަރަނިތައްކެއް އަދާކުރަންޖެހޭތީ ކަމުގައި ބުނެފައިވެއެވެ.
ބަޖެޓު މަޖިލީހަށް ފޮނުވާފައިވީނަމަވެސް އަދި ބަޖެޓު ހުށަހެޅުން މިއަދު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވީނަމަވެސް މިއަދު ބަޖެޓު ބަޔާން ހުށަހަޅާފައެއް ނުވެއެވެ. އަދި ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިގެންފައެއްވެސް ނުވެއެވެ.
އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިނުގަތީ ބަންޑާރަ ނައިބުގެ ލަފާފުޅުގެ މަތިންނެވެ. ބަންޑާރަ ނައިބު އެގޮތަށް ލަފާއެރުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހުގައި ކުރިއަށްނުދާތީ ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލީހުގެ ރައީށް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިއޮއްވާ އެހެން ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމުގައި މަޖިލީހުގެ ގަވާއިދު ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް