ޣައްޒާއަށް ވަދެގަނެ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަސީރަކު މިނިވަން ކުރެވިއްޖެކަމަށް އިޒްރޭލުން ރޭގައި ބުނި ބުނުން ހަމާސް ޖަމާއަތުން ދޮގުކޮށްފިއެވެ.
ރޭގައި އިޒްރޭލުން ބުނެފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ވަދެ ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން ސިފައިންގެ އޮފިސަރަކު މިނިވަން ކުރެވިއްޖެ ކަމަށެވެ. އެއީ އިޒްރޭލު ސިފައިންގެ ޕްރައިވެޓް ރޭންކުގައިހުރި އޮރި މެގިޑިސް ނަމަކަށްކިޔާ އަންހެނެއް ކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.
މިކަން ދޮގުކޮށް ހަމާސް އިން ބުނެފައިވަނީ އެ ނަން ކިޔާ އެމީހަކު އިޒްރޭލުން ކުރިން އާންމު ކުރި އަސީރުންގެ ލިސްޓެއްގައިވެސް ނެތްކަމަށާއި އަދި މި މަހުގެ ހަތްވަނަ ދުވަހު އަސީރެއްގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ މީހެއްގެ ގޮތުގައި އެމީހަކު ސިފަކުރާއިރު މި މަހުގެ 12 ވަނަ ދުވަހު ތަރުކާރީ މާކެޓަކުން ވިޔަފާރިކުރި ކަމަށް އެ އަންހެން މީހާގެ ފޭސްބުކް އެކައުންޓްގެ ޕޯސްޓްތަކުން ފެންނަން ހުރި ކަމަށެވެ.
ހަމާސް އިން ބުނެފައިވަނީ އިޒްރޭލުގެ އެ އަމަލަކީ އިއްޔެ ހަމާސް އިން ހާމަކުރި އަސީރުންގެ ވީޑިއޯގެ ވާހަކަ ހިންދާލުމުގެ ނިޔަތުގައި ކުޅުނު ޕްރޮޕެގަންޑާ ސްޓަންޓެއް ކަމަށެވެ.
އިޒްރޭލުން އަސީރަކު މިނިވަން ކުރެވުނު ކަމަށް ބުނާއިރު ހަނގުރާމައިގެ މަސްރަހު ދިރާސާކުރާ އެނަލިސްޓުން ބުނާގޮތުގައި ޣައްޒާއަށް ވަދެގަންނަން އިޒްރޭލުގެ ފައުޖުތަކުން ކުރާ މަސައްކަތް އަދި ކާމިޔާބުވެފައެއްވެސް ނުވެއެވެ. އިޒްރޭލު ފައުޖުތަކުން އަދި ހަރަކާތްތެރިވަމުން އަންނަނީ ޣައްޒާގެ ރަށްބޭރު ސަރަހައްދުތަކުގައި ކަމަށާއި އެ ސަރަހައްދުތަކަކީ ޣައްޒާގައި މީހުން ދިރިއުޅޭ ސަރަހައްދާއި ތިން ކިލޯމީޓަރު ދުރުގައި އޮންނަ ދަނޑުހައްދާ ސަރަހައްދުތައްކަންވެސް އެނަލިސްޓުން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް