ކުރު، ނަމަވެސް މުހިއްމު ރޯލަކުން މޫސަ، އެނބުރި ފިލްމީ ދާއިރާއަށް !

ފިލްމީ ދާއިރާގެ ކުރީގެ ތަރި، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ރޯލެއް ޓެޑްރީގެ އައު ފިލްމު "ލަސްވިޔަސް" އިން ފެނިގެންދާނެކަން މުހައްމަދު ނިޔާޒް (ޓެޑްރީ) ހާމަ...

31 Oct 2022 | 17:57

ފިލްމީ ދާއިރާގެ ކުރީގެ ތަރި، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ރޯލެއް ޓެޑްރީގެ އައު ފިލްމު "ލަސްވިޔަސް" އިން ފެނިގެންދާނެކަން މުހައްމަދު ނިޔާޒް (ޓެޑްރީ) ހާމަކޮށްފިއެވެ.

ޓެޑްރީ މިކަން ހާމަކޮށްފައިވަނީ އޭނާގެ ޕާސަނަލް ފޭސްބުކް ހޭންޑަލްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ޓެޑްރީ ބުނެފައިވަނީ "ދެރިޔާ (1994) ގައި މަސައްކަތްކުރިފަހުން އަނެއްކާވެސް ރީކޯ މޫސައާއެކު "ލަސްވިޔަސް" ގައި މަސައްކަތް ކުރެވިއްޖެ، އެންމެ އުފާވަނީ، މޫސަ ތަމްސީލުކުރި، ކުރިން މަރްހޫމް ކޮއްޔަ ހަސަން މަނިކު އަދާކުރަން އޮތް ރޯލުކަމުގައިވާތީ، މޫސަ އާއި ހަސަން އަކީ އެމީހުންގެ މެދުގައި ވަރަށް ޒަމާންވީ ގާތް އެކުވެރި ރަހްމަތްތެރިކަމެއް އޮތް ދެމީހުން، ހަސަން ނެތުމުގެ ހުސްކަން މި ފިލްމުގައި ފޫބައްދަން އެންމެ އެކަށޭނެ ފަންނުވެރިޔަކީ މޫސަ" މޫސައަށް ޝުކުރު އަދާކުރަމުން ޓެޑްރީ ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން މިރޭ ދުވަހަށް މައުލޫމާތުދެއްވަމުން ޓެޑްރީ ވިދާޅުވީ މޫސަ މި ފިލްމުގައި ފެނިގެންދާނީ ދިގު ރޯލަކުން ނޫންކަމަށާއި އެ ރޯލަކީ ކުރިން ކޮއްޔަ ހަސަނިކު ލައްވާ ކުޅުވަން ނިންމާފައި އޮތް ރޯލެއް ކަމަށެވެ. އަދި ހަސަނިކު ނިޔާވުމުން އެ ރޯލަށް އޮތީ ވަކި މީހަކު ހަމަނުޖައްސާކަން ޓެޑްރީ ފާހަގަކުރިއެވެ.

"މޫސަ ބުނާނެ ތިމަންނަ ފިލްމު ކުޅުން ހުއްޓައެއް ނުލަމޭ، މޫސަވެސް ރިކުއެސްޓް ކުރީ މަސައްކަތް ކޮށްލަން" ޓެޑްރީ ފާހަގަކުރިއެވެ.

ޓެޑްރީ ފާހަގަކުރިގުގައި މޫސައަކީ ކޮއްޔަ ހަސަނިކާ ވަރަށް ގާތް އެކުވެރިއެއްކަމުގައިވާއިރު މި ރޯލަށް އެންމެ އެކަށީގެންވާ މީހަކީ މޫސަކަމުގައި ގަބޫލު ކުރެވޭކަމަށެވެ. މޫސަގެ ރޯލު ޝޫޓުކޮށް ނިމިއްޖެކަންވެސް ޓެޑްރީ ފާހަގަކުރިއެވެ.

ފިލްމު "ލަސްވިޔަސް" އާއި ގުޅޭ މާ ގިނަ މައުލޫމާތެއް މީޑިއާއަށް ހިއްސާކުރަން ޓެޑްރީ އަދި ބޭނުމެއް ނުވެއެވެ. ވިދާޅުވީ ވަރަށް އަވަހަށް މީޑިއާ އިވެންޓެއް ބާއްވައި، ފިލްމުގެ ކާސްޓާއި ފިލްމާއި ގުޅޭ އެހެނިހެން މައުލޫމާތުތައް ހާމަކުރާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް