ޕޮގްބާއަށް ވޯލްޑް ކަޕް ނުކުޅެވޭނެ

އިޓަލީގެ ޔުވެންންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު މިޑްފީލްޑަރް ޕޯލް ޕޮގްބާއަށް މި ފަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް މުބާރާތުގައި ނުކުޅެވޭނެ ކަން ކަށަވަރުވެއްޖެއެވެ. މަޝްޙޫރު ކުޅިވަރު ޚ...

31 Oct 2022 | 17:00

އިޓަލީގެ ޔުވެންންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު މިޑްފީލްޑަރް ޕޯލް ޕޮގްބާއަށް މި ފަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް މުބާރާތުގައި ނުކުޅެވޭނެ ކަން ކަށަވަރުވެއްޖެއެވެ.

މަޝްޙޫރު ކުޅިވަރު ޚަބަރުތައް ގެނެސްދޭ އީއެސްޕީއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕުގައި ޕޮގްބާއަށް ނުކުޅެވޭނެ ކަން މިހާރު ވަނީ އޭނާގެ އެޖެންޓް ރަފައެލާ ޕިމެންޓާ ކަށަވަރުކޮށްދީފައެވެ.

މީގެ ގާތްގަނޑަކަށް ހަ މަސް ކުރިން މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ޕޮގްބާ ޔުވެންޓަސްއާ ގުޅުނު ނަމަވެސް އަނިޔާގެ ސަބަބުން މި ސީޒަނުގެ އެއްވެސް މެޗެއް ޔުވެންޓަސްއާއި އެކު ޕޮގްބާ ކުޅެފައެއް ނުވެއެވެ. އުމުރުން 29 އަހަރުގެ ޕޮގްބާ އަށް އަނިޔާވީ ޔުނެންޓަސް އާއި އެކު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކެއްގައި ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގައެވެ. އޭނާގެ ކަކުލަށް ލިބުނު މި އަނިޔާއާއި ގުޅިގެން މިހާރު އޮޕަރޭޝަނެއް ވެސް ކޮށްފައިވާއިރު، ޕޮގްބާ  ދަނީ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ވެސް ފުރިހަމަ ކުރަމުންނެވެ.

މިދިޔަ މަހުގެ ފަސްވަނަ ދުވަހު ލިބުނު އަނިޔާއާއި ގުޅިގެން ކަކުލުގެ އޮޕަރޭޝަނެއް ކުރި ނަމަވެސް ކުރިން ބެލެވިފައިއޮތީ ވޯލްޑް ކަޕުގެ ކުރިން ޕޮގްބާ ފިޓްވެ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ކަމަށެވެ. ނަމަވެސް އޭނާގެ އެޖެންޓާއި ހަވާލާދީ އީއެސްޕީއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕޮގްބާގެ އަނިޔާގެ މުއްދަތު ވަނީ އިތުރަށް ދިގުދެމިގެން ގޮސްފައެވެ. އެގޮތުން ވޯލްޑް ކަޕުގެ ކުރިން ޕޮގްބާއަށް އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް ނާދެވޭނެ ކަން މިހާރު ވަނީ ކަސަވަރުވެފައިކަމަށް ރިޕޯޓުގައި ވެއެވެ.

ޕޮގްބާ އެބުރި ޔުވެންޓަސްއާއި ގުޅުނީ މި އަހަރުގެ ޖުލައިމަހުގެ 11 ވަނަ ދުވަހު ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޕޮގްބާއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ކުޅުމާއި ދުރުގައި ހުންނަތާ މިހާރު ދެމަސްދުވަސް ވެއްޖެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް