ދޮގުހެދުން އިތުރުވުމާއި ތެދުދޮގު ބަލައި ނުލާ ޚަބަރުފެތުރުމަކީ ޤިޔާމަތް ގާތްވުމުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ الشَّيْطَانَ لِيَتَمَثَّلُ فِي صُورَةِ الرَّجُلِ، فَيَأْتِي الْقَوْمَ، فَيُحَدِّثُهُمْ بِالْحَدِيثِ مِنَ الْكَذِبِ، فَيَتَفَرَّقُونَ، فَيَقُولُ الرَّجُلُ مِنْهُمْ: سَمِعْتُ رَجُلًا أَعْرِفُ وَجْهَهُ، وَلَا أَدْرِي مَا اسْمُهُ يُحَدِّثُ» [رواه مسلم]
މާނައީ: “ހަމަކަށަވަރުން މީހެއްގެ ސޫރައިގައި ޝައިޠާނާ ބައެއްގެ ގާތަށް ދެއެވެ. އަދި އެބައިމީހުންނަށް ދޮގުވާހަކަ ކިޔައިދެއެވެ. ދެން ފަހެ އެބައިމީހުން އެތަނުން ދިޔުމުން އޭގެ ތެރެއިން މީހަކު ބުނެއެވެ. ތިމަންނާ ދަންނަ މީހަކު ބުނާތީ އަޑުއެހީމެވެ. އެއީ ތިމަން ދަންނަ މޫނެކެވެ. އެކަމަކު އޭނާއަށް ކިޔައިއުޅޭ ނަމެއް ތިމަންނާއަކަށް ނޭނގެއެވެ.”
މި ޒަމާނުގައި މީސްތަކުން ފަތުރާ ދޮގުވާހަކަތަކުގެ ގިނަކަމާއެވެ. ޚަބަރު ފެތުރުމުގައި މީސްތަކުން މިވަނީ ވަރަށް ފަރުވާ ކުޑަކޮށްފައެވެ. މިއީ މީހުން މަގުފުރެދޭ އަދި ފިތުނަވެރިވާ ސަބަބެކެވެ. މިފަދަ މީހުން ދައްކާ ވާހަކަ ތެދުކުރުމާމެދު ސަމާލުވުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އިރުޝާދުދެއްވާފައެވެ. މި ޒަމާނުގައި ދޮގު ޚަބަރުތައް ގިނަވުމުން ތެދު ޚަބަރާއި ދޮގު ޚަބަރު ވަކިކުރުން މިވަނީ ދަތިކަމަކަށްވެފައެވެ.
އެއްވެސް ހަޤީޤަތެއް ނުބަލައި މީހުން ދައްކާހާ ވާހަކައެއް ނުވަތަ އަޑު އިވޭހާ ވާހަކައެއް ފަތުރަމުން ދިއުމަކީ އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމެއް ކަމެކެވެ. އަދި އެއީ މީހުންގެ އަބުރުތައް ކަތިލެވި، ދޭދޭ މީހުންގެ މެދުގައި އޮންނަ ގާތްގުޅުންތައް ރޫޅާ ހަލާކުކޮށްލާ ގަދަ ވިހައެކެވެ. ތެދުދޮގު ނުބަލާ ފާޑުފާޑުގެ ވާހަކަތައް މުޖުތަމަޢުގައި ފެތުރުމަކީ މިއަދު އާންމު ކަމަށް ވެފައިވާ ވަބާއެކެވެ. މިފަދަ ވާހަތަކުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވެ އަބުރާއި އިތްޒަތް ގެއްލިފައިވެއެވެ. އެހެން ކަމުން މިފަދަ ނުރައްކާތެރި ވަބާތަކުން މުޖުތަމަޢު ސަލާމަތް ވާން އެދޭނަމަ މިފަދަ ކަންކަން ކުރުން ހުއްޓާލަން ޖެހެއެވެ.
މަޢުލޫމާތްް: ދިސަލަފިއްޔާ އަދި މުފްތީ މެންކްގެ ޓްވީޓްތަކުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް