ކަނޑުމަތީ ހާދިސާއެއްގައި އެހީތެރިކަން ބޭނުންވި ދޯންޏަކަށް، އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި "ރޯޝަން-1" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން މިއަދު ހަރަކާތްތެރިވިއެވެ.
"ފަސް މީހުންނާ އެކު ލ.މާމެންދޫން ފުރައިގެން އައްޑޫ އަތޮޅަށް ދަތުރުކުރަމުންދިޔަ މި ދޯނި ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ މިއަދު 13:20 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ސިފައިންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ" އެމްއެންޑީއެފުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މިގޮތުން އެ ދޯނިން ދިޔަގަނޑު ކޮންޓްރޯލްކުރުމުގެ ގޮތުން ޕަންޕު ބޭނުން ކޮށްގެން ދިޔަ ހިއްކުމުގެ މަސައްކަތް ކުރިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް