ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ރަޝިޔާގެ ބައިވެރިވުން އޮތްނަމަވެސް، އެމެރިކާއަށް ސަލާމަތީ ގޮތުން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޗައިނާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެމެރިކާގެ އަސްކަރިއްޔާ ބައްޓަންކޮށް ތަރުތީބުކުރެވިފައިވާ ގޮތް ނިންމާނީ ބެއިޖިންގެ ނުރައްކަލުން ކަމަށް ޕެންޓަގަންގެ އާ ދިފާއީ ސިޔާސަތުގައި ބުނެފައިވެއެވެ.
ދެކުނު ޗައިނާ ކަނޑުގައި ބެއިޖިންގެ ހަރުކަށި އަސްކަރީ ބާރު ގަދަވެ، އަމިއްލަ ވެރިކަން ކުރާ ރަށެއް ކަމަށްވާ ޓައިވާނަށް ޕްރެޝަރު ބޮޑުވެފައިވާ ކަމުގެ ވަރުގަދަ އިޝާރާތެއް ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާއާ އެކު ހަނގުރާމަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެދޭ ކަމެއް ނޫން ކަމަށެވެ.
ބުރާސްފަތި ދުވަހު އާންމުކުރި ބަޔާނުގައި ޗައިނާއާ އެކު ހަނގުރާމަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ބުނެފައިވީ ނަމަވެސް، އެ ލިޔުމުގައި ވަނީ ބެއިޖިން އިން "މުހިންމު ސަރަހައްދުތަކުގެ ބާރު ގަދަކުރުން" ހުއްޓުވަން ކުރާ މަސައްކަތްތައް ސިފަކޮށްފަ އެވެ.
މިސައިލް ޑިފެންސް އާއި ނިއުކްލިއާ ހަތިޔާރާ ބެހޭ ގޮތުން ބުރާސްފަތި ދުވަހު ނެރުނު އިތުރު ދެ ރިޕޯޓާއެކު މި ސްޓްރެޓެޖީގެ ސަބަބުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެމެރިކާގެ އަސްކަރީ ރޭވުންތައް ވަރަށް ބޮޑަށް ދައްކުވައިދެ އެވެ.
އޭގެ ތެރެއިން ގިނަ ކަންތައްތަކަކީ ކުރީގެ ރިޕޯޓާއި އެއްގޮތް ކަންތައްތަކެއް ނަމަވެސް، 2018 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔެ ބަދަލުވެފައިވާ ގޮތާއި، އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި އަދިވެސް ހަނގުރާމަ ކުރަމުން ދާއިރު، ރަޝިޔާއިން ޔޫކްރެއިންއަށް ބޮޑު ހަމަލާއެއް ދިނުމަކީ ހީވެސް ނުކުރެވޭ ވަރުގެ ކަމެއް ކަމަށެއެވެ.
މިއީ އެމެރިކާއިން އަފްޣާނިސްތާނުގައި 20 އަހަރު ވަންދެން ކުރި ހަނގުރާމަ ނިމުމަކަށް ގެނެސް މިދިޔަ އަހަރު ހުރިހާ ސިފައިން އަނބުރާ ގެންދިޔަ ފަހުން އެކުލަވާލި ފުރަތަމަ ސްޓްރެޓެޖީ އެވެ. އިރާގުގައި އަދިވެސް އެމެރިކާ ސިފައިންގެ އަދަދު މަދުކަމަށާއި ސީރިއާގައި ގާތްގަނޑަކަށް 1000 އެއްހާ ސިފައިން ތިބި ނަމަވެސް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް ހިންގަމުން ދިޔަ އޮޕަރޭޝަންތަކުން ޗައިނާ ފަދަ ބޮޑެތި ވާދަވެރިންގެ ނުރައްކަލަށް ސަމާލުކަން ދިނުމަށް ވަނީ ބަދަލުވެފައެވެ.
މީގެ އިތުރުން ހައިޕަސޮނިކް މިސައިލްތަކުގައި ޗައިނާ އާއި ރަޝިއާ އިން ހޯދަމުން އަންނަ ކުރިއެރުންތައް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިރު، މިއީ އެމެރިކާއަށް ދެނެގަންނަން އުނދަގޫ މިސައިލްތަކެކެވެ. އަދި ސެޓެލައިޓްތައް ވައްޓާލުމަށް ނުވަތަ އޯބިޓުން ބޭރުކޮށްލުމުގެ ޤާބިލުކަން ވެސް ދަނީ އިތުރުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް