މުޅި ދެކުނު އޭސިއާ ސަރަހައްދުގައި އިންޓަނެޓްގެ އަގު އެންމެ ބޮޑީ ރާއްޖޭގައި ކަމުގައި ވޯލްޑްވައިޑް މޯބައިލް ޑޭޓާ ޕްރައިސިން 2022 ރިޕޯޓުގައި ބުނެފިއެވެ.
މިއީ ކޭބަލް ޑޮޓް ކޯ ޑޮޓް ޔޫކޭއިން ނެރެމުން އަންނަ ރިޕޯޓެކެވެ. މި އަހަރުގެ ރިޕޯޓު މިއަދު ނެރެފައިވާއިރު މި ރިޕޯޓު ބިނާކޮށްފައިވަނީ ޖީބީއެއްގެ އަގަށް ބަލައިގެންނެވެ. އެގޮތުން މި ރިޕޯޓަށް ބަލާއިރު މުޅި ދުނިޔޭގައިވެސް ޖީބީއެއްގެ އަގު އެންމެ ހެވީ އިޒްރޭލުގައެވެ. އެއީ ޖީބީއެއް އެންމެ ހަތަރު ސެންޓު (ދިވެހި ރުފިޔާއިން ބަލާނަމަ 66 ލާރި) އަށެވެ. ދެވަނައިގާ އިޓަލީ އަދި ތިންވަނައިގާ އުޅެނީ ސޭން މެރީނޯއެވެ. ސޭން މެރީނޯގައި ޖީބީއެއް އެންމެ 14 ސެންޓު (ދިވެހި ރުފިޔާއިން ބަލާނަމަ ދެ ރުފިޔާ 15 ލާރި) އަށް ލިބެއެވެ.
މުޅި ދުނިޔެއިންވެސް ޖީބީއެއްގެ އަގު އެންމެ ބޮޑީ ސެއިންޓް ހެލީނާގައެވެ. އެ ގައުމުގައި ޖީބީއެއް ލިބެނީ 41.06 ޑޮލަރަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 633 ރުފިޔާއެވެ. ދެވަނައަށް އެންމެ އަގު ބޮޑީ ފޯކްލޭންޑް އައިލެންޑްސްގައެވެ. ތިންވަނައަށް އެންމެ އަގުބޮޑީ ސާއޯ ތާމޭގައެވެ. ސާއޯ ތާމޭގައި ޖީބީއެއް ލިބެނީ 29.49 ޑޮލަރަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 454 ރުފިޔާއެވެ.
ދެކުނު އޭސިއާގެ ސަރަހައްދަށް ވަކިން ބަލާލާއިރު މި ސަރަހައްދުގެ ގައުމުތަކުގެ އަގުތައް ނިސްބަތުން ބަލާނަމަ ހެޔޮކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް މި ސަރަހައްދުގެ ނިސްބަތަށް އަޅާބަލާއިރުވެސް ރާއްޖޭގައި ޖީބީއެއްގެ އަގު ބޮޑުކަންވެސް ފާހަގަކޮށްލެވެއެވެ.
މި ސަރަހައްދުގެ ގައުމުތަކަށް ބަލާލާއިރު ޖީބީއެއްގެ އަގު އެންމެ ހެވީ އިންޑިއާގައެވެ. އެއީ ޖީބީއެއް އެންމެ 17 ސެންޓުގެ އަގެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ ދެ ރުފިޔާ ހަ ލާރިއެވެ. މި ސަރަހައްދުން ދެވަނައަށް އެންމެ އަގު ހެވީ ނޭޕާލްގައެވެ. ނޭޕާލްގައި ޖީބީއެއް 17 ސެންޓަށް ލިބެއެވެ.
މި ސަރަހައްދުގައި އެންމެ ޖީބީއެއްގެ އަގު އެންމެ ބޮޑީ ރާއްޖޭގައެވެ. ރާއްޖޭގައި ޖީބީއެއް ލިބެނީ ދެ ޑޮލަރު 30 ސެންޓަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 35 ރުފިޔާ 46 ލާރިއަށެވެ.
އެ ރިޕޯޓްގައި 233 ގައުމެއް ރޭންކުކޮށްފައިވާއިރު ރާއްޖެއަށް ލިބިފައިވަނީ 145 ވަނަ ރޭންކެވެ. މި ސަރަހައްދުގެ ގައުމުތަކަށް ބަލާލާއިރު އިންޑިއާ ދުނިޔޭގެ ފަސްވަނައިގާ އޮތް އިރު ނޭޕާލް އޮތީ 10 ވަނައިގައެވެ. ސްރީ ލަންކާ އޮތީ 11 ވަނައިގައެވެ. ބަންގްލަދޭޝް 12 ޕާކިސްތާން 13 އަދި ބޫޓާން 19 ވަނައިގާ އޮތް އިރު އަފްޣާނިސްތާން އޮތީ 44 ވަނައިގައެވެ. އަފްޣާނިސްތާނުގައި ޖީބީއެއް 90 ސެންޓަށް ލިބެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 13 ރުފިޔާއެވެ. މި ސަރަހައްދުގައި ދެވަނަ އަށް އެންމެ އަގު ބޮޑީ އެ ގައުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް