އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރުހިފޭ މަގުޗާޓެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފައެވެ.
ބަޖެޓު ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރ މިއަދު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ގޮންޖެހުން އަދިވެސް ބޮޑު ކަމަށާއި މުޅި ދުނިޔޭގެ އިޤްތިސާދީ ތަރުތީބަށް ބަދަލު ގެނުވަފާނެ ހާލަތުތަކެއް މިއަދު މިވަނީ އުފަންވެފައި ކަމަށެވެ. އެގޮތުން ރަޝިޔާ-ޔުކްރެއިން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއި ޤައުމުތަކުގެ އިންފްލޭޝަން ރޭޓު ވެސް މައްޗަށް ދާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
"ތަރައްޤީވެފައިވާ ޤައުމުތަކުން މަނިޓަރީ ޕޮލިސީ ވާންކޮށް، އިންޓްރެސްޓް ރޭޓްތައް މަތިކޮށްފި. އޭގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ކުރާނެކަން ސަރުކާރުން ދެނެގަންނަން. ދިވެހިރާއްޖެ މިއަދު މިވަނީ، ދުނިޔެ ކުރިމަތިލަމުންދާ އިޤްތިސާދީ އެކި ގޮންޖެހުންތަކުގެ މެދުގައި. 2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރުހިފޭ މަގުޗާޓެއް. އެކަށީގެންވާ ޙައްލުހޯދޭނެ ދެލިކޮޕީއެއް. ރައްޔިތުންގެ ފުދުންތެރިކަމާ، އިޖްތިމާޢީ ދުޅަހެޔޮކަމާ، ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމިއޮވެވޭނެ ޕްލޭނެއް" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމާއެކު، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ހުރިކަން އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެއީ އިޤްތިސާދާއި ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ދައުލަތުގެ ދަރަނި ބޮޑުވެ، އިޤްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމުގެ ވާހަކަތައް އަޑުއިވޭ. ތަކެތީގެ އަގު މަތިވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރޭ. އަސާސީ ޚިދުމަތްތައް ނުލިބުމާއި ޚިދުމަތްތަކުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ނެތުމުގެ ޝަކުވާ އަބަދުވެސް އަޑު އިވޭ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިކަންކަމާ ގުޅޭގޮތުން އިވޭ އަޑުތަކާ، އޮތް ޙާލަތާ، ކުރާންޖެހޭ ކަންކަން ސަރުކާރަށް ވަރަށް ސާފު ކަމަށެވެ. އަދި ސަރުކާރުން އެންމެ އިސްކަމެއް ދެނީ، މި ގޮންޖެހުންތައް ގިރާކޮށް ރާއްޖޭގެ އިޤްތިސާދީ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓެނިވި މަގުގައި ހިފެހެއްޓުމަށާއި ރާއްޖޭގެ އިޤްތިސާދު އިންގިލާބުކޮށް، ބަދަލުކުރާނެ ކަންކަން ކުރިއަށް ނެރުމަށް ކަމަށް ވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް