ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓު މޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި އެވެ.
ރަޝީދު މަރުވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ރަޝީދު މަރުވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން އެ އަތޮޅު މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި އެވެ.
އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް މިއަދު ފޮނުވާފައިވާކަން ނެޝަނަލް އިންޓިގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފައި އެވެ. ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައި މިވަނީ އާއިލާގެ ނުރުހުމުގައި އެވެ.
މި މައްސަލައިގަ އެންއައިސީން ބުނީ ޕޯސްޓްމޯޓަމް ހަދަން ނިންމީ އިންސާފަށް ވާސިލްވުމަށް އޮތް މަގަކީ އެއީ ކަމަށްވާތީ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދަނީ އިޖުރާތުތަކާއި އެއްގޮތަށް ކަމަށް ބުންޏެވެ.
ޕޯސްޓްމޯޓަމް ހަދަން ގެންދިއުމުގެ ކުރިން އާއިލާއަށް ވަނީ ރަޝީދުގެ މޫނު ދައްކާފައި އެވެ. ރަޝީދުގެ އާއިލާއިން މީގެ ކުރިން ބުނެފަައި ވަނީ ޕޯސްޓް މޯޓަމް ހަދައިފި ނަމަ އާއިލާއިން ހަވާލު ނުވާނެ ކަމަށެވެ.
ރަޝީދުގެ ޕޯސްޓަމް ހެދުން ހުއްޓުވައި ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމުގެ އަމުރެއް ނެރެދިނުމަށް އާއިލާއިން ސިވިލް ކޯޓަށްވެސް ހުށަހެޅި އެވެ. އެކަމަކު ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް