ސަރުކާރުން ހުށަހެޅި ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީސް ހިމެނޭ ކޮމިޓީން ފާސްކޮށްފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. ޝިފާއު ހުށަހެޅީ ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި މި އިސްލާހަށް ބަދަލު ގެނައުމަށް އަށް އިސްލާހެއް ހުށަހެޅި އެވެ. އޭގެތެރޭއިން ހަތަރު އިސްލާހު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އިރު އަނެއް ހަތަރު އިސްލާޙު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
ޝިޔާމް ހުށަހެޅުއްވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ މިހާރު ވެސް ގާނޫނުގައި އޮތް ގޮތަށް ހަ ޕަސެންޓާއި 12 ޕަސެންޓުގައި ބެހެއްޓުމަށެވެ. އެ އިސްލާހު ބޭރުކޮށްލީ އެމްޑީޕީގެ 56 މެމްބަރުން ދެކޮޅަށް ވޯޓު ދެއްވުމުންނެވެ.
އާޒިމްގެ އިސްލާހުތަކަށް ބަލާއިރު ހުށަހަޅުއްވާފައިވަނީ 16 ޕަސަންޓުގެ ބަދަލުގައި 14 ޕަސެންޓްގެ ޓެކްސްއެއް ނެގުމަށާއި ގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީގެ އަދަދު އިތުރު ނުކުރުމަށެވެ. ދެން ހުށަހެޅީ މި އިސްލާހުތަކަށް އަމަލު ކުރަން ފަށާތާރީހަކީ 2023 ގެ އޭޕްރިލް ކަމުގައި ހެދުމަށެވެ.
އެކަމަކު މީގެން އެއްވެސް އިސްލާހެއް ފާހެއް ނުވެ އެވެ. އާޒިމްގެ ހުރިހާ އިސްލާހަކަށްވެސް 40 މެމްބަރުންނަށްވުރެ ގިނައިން ދެކޮޅަށް ވޯޓު ދެއްވާފައިވެ އެވެ.
އިސްލާހުތައް ބޭރުކޮށްލުމުން ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސް ކުރަން ވޯޓަށް އެހުމުން އެ ކަމަށް 50 މެމްބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓުދެއްވީ19 މެމްބަރުންނެވެ.
ކޮމިޓީގެ ރިޕޯޓު މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި ވޯޓަށް އެހުމުގެ މަސައްކަތް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް