އިންޑިއާގައި 150 އަހަރުވީ ބްރިޖެއް ވެއްޓި މަރުވި އަދަދު 140ށް އަރައިފި

އިންޑިއާގެ ގުޖްރާތް ސްޓޭޓްގެ މޯބީ ސަސްޕެންޝަން ބްރިޖު ވެއްޓި މަރުވި މީހުންގެ އަދަދު 140 އަށް އަރައިފި އެވެ. ކޯރެއް ހުރަސްކޮށް އަޅާފައިވާ ބްރިޖު ވެއްޓުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެވެ. މި ބްރިޖަކީ ...

31 Oct 2022 | 06:57

އިންޑިއާގެ ގުޖްރާތް ސްޓޭޓްގެ މޯބީ ސަސްޕެންޝަން ބްރިޖު ވެއްޓި މަރުވި މީހުންގެ އަދަދު 140 އަށް އަރައިފި އެވެ.

ކޯރެއް ހުރަސްކޮށް އަޅާފައިވާ ބްރިޖު ވެއްޓުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެވެ. މި ބްރިޖަކީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އިންޑިއާ އޮތް އިރު މީގެ 150 އަހަރަށްވުރެ ކުރިން ހަދާފައިވާ ބްރިޖެކެވެ.

ގުޖްރާތް ސަރުކާރާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ އެވެ. ހާދިސާއިން އަނިޔާ އާއި އެކު ސަލާމަތްވި 79 ވަރަކަށް މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. މިހާދިސާގައި ބްރިޖުގައި ތާށިވި މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ސަލާމަތް ކޮށްފައިވެ އެވެ.

ބްބްރިޖު ވެއްޓުނު އިރު ބްރިޖު މަތީގައި އެތައް ސަތޭކަ ބަޔަކުތިބި ކަމަށްވެ އެވެ. މި ހާދިސާގައި ކޯރުތެރެއަށް ވެއްޓުނު ގިނަ ބަޔަކު އަދިވެސް ނުފެނެ އެވެ. މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން މިހާރުވެސް ދަނީ ކުރިޔަށް ގެންދަމުންނެވެ.

ބްރިޖު ހިމެނޭ ސަރަހައްދަށް އެތައް ހާސް ބަޔަކު އެއްވެގެން އުޅުނީ ހިންދޫ ދީނުގެ އީދު ކަމަށްވާ ދިވާލީ ފާހަގަ ކުރުމަށް ބޭއްވި ހަރަކާތެއްގައި ބައިވެރިވުމަށެވެ.

ގުޖުރާތު ސަރުކާރުން ބުނީ މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި، ގިނަ މީހުން މަރުވީ ކޯރަށް ވެއްޓި، ގެނބިގެން ކަމުގައި ވެސް ބުނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މި ހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކަށް މާލީ ބަދަލުދޭނެކަން އިއުލާނު ކުރައްވާފައި އެވެ. އެގޮތުން މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ދެ ލައްކަ އިންޑިއަން ރުޕީސް ދެއްވާނެކަން އިއުލާނު ކުރައްވާފައިވާއިރު ގުޖުރާތު ސަރުކާރުން ވަނީ އެ އާއިލާތަކަށް ހަތަރު ލައްކަ ރުޕީސް ދޭނެކަން އިއުލާނުކޮށްފައި އެވެ.

230 މީޓަރުގެ ދިގު މި ބްރިޖު ވެއްޓިފައި މިވަނީ މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވިތާ ހަތަރު ވަނަ ދުވަހު އެވެ. މިދިޔަ ހަތް މަހު މަރާމާތަށް ބްރިޖު އޮތީ ބަންދުކޮށްފައި އެވެ.

ގިނަ ދުވަސްވީ މިފަދަ އުމްރާނީ ވަސީލަތްތަކާއި އިމާރާތްތައް މަރާމާތުކޮށް، ބެލެހެއްޓުމުގައި ފަރުވާ ކުޑަވެގެން އިންޑިއާގައި މިފަދަ ގިނަ ހާދިސާތަކެއް ހިނގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް