އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ ތަރައްގީއަށް ފަސް ބިލިއަން ރުފިޔާ ހިމަނައިފި އެވެ.
އަންނަ އަހަރުގެ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އެވެ. އެއީ42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހުށަހެޅި ބަޖެޓުގައި އެންމެ އިސްކަން ދީފައިވަނީ ސިއްހީ ދާއިރާ ކުރިއަރުވައި އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ކަމަށެވެ. އެގޮތުން މުޅި ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން500 މިލިއަން ހޭދަކުރާނީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ކަމަށް ވިދާޅުވި އެވެ.
މުސާރަ ބޮޑުކުރުމާއި އެކު މި ދާއިރާއަށް ބޭނުންވާ ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ބަނީ ބަޖެޓުގައި ހިމަނާފައި އެވެ. މި ސަރުކާރުގެ ވިސްނުމަކީ ޖުމުލަ ގޮތެއްގައި މި ދާއިރާ އަށް ކުރާ ހޭދަ އިގުތިސާދީ ހާލަތު ތަންދޭ މިންވަރަކުން އިތުރުކުރަމުން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސިއްހީ ދާއިރާ އާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަޝްރޫއު ފެށިގެން ކުރިއަށް އެބަދާ ކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ފަސް ހޮސްޕިޓަލުގެ ވަސީލަތްތަކާއި ހިދުމަތްތަކުގެ ފެންވަރު މިހާރު ވެސް ވަނީ އެތައް ތަނެއް މަތިކޮށްފައި ވާ ކަމަށެވެ.
އަދި ވިދާޅުވީ ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭ ފަސް ހޮސްޕިޓަލުގެ ބަޖެޓު 2018 ވަނަ އަހަރާ އަޅައިބަލާއިރު، ތިން ގުނަ އަންނަ އަހަރު ބޮޑުވާނެ ކަމަށެވެ. އެއާއެކު، ހިދުމަތްތަކުގެ އަދަދާއި ފެންވަރު ވެސް ރަނގަޅުވެގެންދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ބެޖެޓުގައި ހިމެނިއިރު އަންނަ އަހަރުގެ ބަޖެޓުގެ 70 ޕަސެންޓު ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް