އަންނަ އަހަރަށް ލަފާކޮށް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވިގޮތުގައި މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާކަމުގައިވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
"2023 ވަނަ އަހަރުގެ ބަޖެޓުން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ، ތަކެއްޗާއި ޚިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ހޭދަވާނެ، އަދި ސަބްސިޑީ އާއި އެހީ ދިނުމަށް 6.6 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑަށް ޚަރަދުކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް ކަމަށާއި އެއީ ތަރައްޤީގެ މަޝްރޫޢުތަކަށް ހިނގާނެ 8.4 ބިލިއަން ރުފިޔާ ކަމަށެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 170 މިލިއަން ރުފިިޔާ މަދު އަދަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް