އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ވިލިއަމް މިފަހަރުގެ ވޯލްޑްކަޕް ބަލަން ގަތަރަށް ވަޑައިނުގަންނަވާނެ ކަމަށް ޝާހީ ގަނޑުވަރުން ހާމަކޮށްފި އެވެ.
ޝާހީ ޒިންމާތަކާއި ހަވާލުވެވަޑައިގެންނެވި ފަހުން ވޯލްޑްކަޕް އޮންނަ ގައުމަކަށް ވަޑައިގެން އިނގިރޭސި ގައުމީ ޓީމަށް ސަޕޯޓު ކުރެއްވުމަކީ އާންމުކޮށް ވިލިއަމް ކުރައްވާ ކަމެކެވެ. މިފަހުން އެގޮތަށް ވަޑައި ނުގެންނެވުނަސް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ މިކަމަކީ އެ ޓީމަށް ލިބޭ ހިތްވަރެއް ކަމަށް ކުރީގެ ވޯލްޑްކަޕްތަކުގައި ބުނެފައިވެ އެވެ.
ކެންސިންގްޓަން ޕެލަސްއިން މީޑިއާގައި ބުނެފައިވާ ގޮތުގައި ވޯލްޑްކަޕަށް ގަތަރަށް ދިއުމުގެ އެއްވެސް ޕްލޭނެއް އަދި ޕްރިންސް ވިލިއަމް ނުގެންގުޅުއްވާ ކަމަށެވެ. އެގޮތަށް ނިންމެވީ ގިނަ ކަންތައްތަކެއް ޝެޑިއުލްގައި ހުރުމުން ކަމަށް ބުނެފައިވެ އެވެ.
އެންމެ މުހިންމު ކަމަކީ މިމަހު ފަހުކޮޅު އެމެރިކާގައި އޮންނަ ތިމާވެއްޓާއި ގުޅޭ ބައްދަލުވުމަކަށް ވަޑައިގެންނަން ޖެހުމެވެ. އެ ބައްދަލުވުން ކުރިޔަށް ދާނީ މިމަހުގެ ފަހުން ކޮޅުން ފެށިގެން ޑިސެމްބަރު މަހުގެ މެދުތެރެއާއި ހިސާބަށެވެ.
ވޯލްޑްކަޕް ކުރިޔަށްދާނީ ނޮވެމްބަރު 20 ން ޑިސެމްބަރު 18 އަށެވެ.
މިއީ ޕްރިންސް ވިލިއަމް ވޯލްޑްޕަށް ވަޑައިނުގެންނަވާ ތިން ވަނަ އަހަރެވެ. 2014 ވަނަ އަހަރު ބްރެޒިލް އަދި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑްކަޕަށްވެސް އޭނާ ވަޑައިގެންފައެއް ނުވެ އެވެ.
މިއަހަރުގެ ވޯލްޑްކަޕްގައި އިނގިރޭސިވިލާތް ފުރަތަމަ ބައްދަލު ކުރާނީ ވޭލްސް އާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.
ކެންސިންގްޓަން ޕެލަސްއިން އިން ބުނީ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން އެމެރިކާ ބައްދަލުވުމަށް ފަހު ޕްރިންސް ވިލިއަމްގެ ޝެޑިއުލަށް ބަދަލު ގެނެސް ގަތަރަށް ވަޑައިގެންނެވުމަށް ވެސް ހަމަޖެހިދާނެ ކަމަށެވެ. އެކަމަކު އެކަމަށްވެސް އަދި ޔަގީންކަން ނުދެވޭނެ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް