ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަށް ކަސްޓަމަރުންކުރާ އިތުބާރާއި މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ޝުކުރުދަންނަވާކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.
ތިންވަނަ ކުއާޓާގެ މާލީ ހިސާބުތައް އާންމުކުރުމުގެ ނެރުނު ރިޕޯޓްގައި އެންޑްރޫ ހީލީ ވިދާޅުވީ " ކަސްޓަމަރުން އަޅުގަނޑުމެންނަށް ދެއްވާ އިތުބާރަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހީވާގި ކަމާއި އަދި މަސައްކަތަށް އަހުމިއްޔަތުކަން ދީގެން ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން" ކަމަށެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ވޯލްޑް އެޗްއާރޑީ ކޮންފަރެންސް އަދި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓުން ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި، އެކަން ފާހަގަކޮށް "އޭޝިޔާސް ލީޑިންގ އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ދީފައެވެ.
ކުއާޓާލީ ރިޕޯޓްގައި ބުނެފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ބީއެމްއެލް އިން ރަނގަޅު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ.
ފާއިތުވި ކުއާޓާގައި ބޭންކަށް ވަނީ 247 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިފައެވެ. މިއަހަރު ނިމުމުގެ ކުރިން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް 150 ވަޒީފާ އުފެއްދުމަށް ބޭންކުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ. ބޭންކުން ފާއިތުވި ކުއާޓާގައި ބޭންކުންކޮށްފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސާވިސް ސެންޓަރެއް ގާއިމްކުރުމާއި އަތޮޅުތެރޭގައި ތިން ސެލްފް ސާވިސް ބޭންކިން ސެންޓަރު ހުޅުވުން ހިމެނެއެވެ.
" މި އަހަރު ކާމިޔާބު ކަމާއެކު ނިންމާލުމަށް އަޅުގަނޑުމެން ގަދަ އަޅާ މަސައްކަތް ކުރަމުންދާނަން." އެންޑްރޫ ހީލީ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް