ތިންވަނަ ކުއާޓަރގެ ހަރުދަނާ މާލީ ނަތީޖާއާއެކު ބީއެމްއެލް އިން ދަނީ ކާމިޔާބު ދަމަހައްޓަމުން

އިއްޔެ އާންމު ކުރި ބޭންކް އޮފް މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ހިސާބުތައް ދައްކާގޮތުން އެ ބޭންކުން ވަނީ ހަރުދަނާ މާލީ ނަތީޖާތަކެއް ހޯދާފައެވެ. މި އަހަރު 300 މިލިއަން ރުފިޔާ ދިވެހި މުޖ...

31 Oct 2017 | 04:38

އިއްޔެ އާންމު ކުރި ބޭންކް އޮފް މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ހިސާބުތައް ދައްކާގޮތުން އެ ބޭންކުން ވަނީ ހަރުދަނާ މާލީ ނަތީޖާތަކެއް ހޯދާފައެވެ.

މި އަހަރު 300 މިލިއަން ރުފިޔާ ދިވެހި މުޖުތަމައުތަކަށް އިންވެސްޓްކުރުމަށް ނިންމާފައިވީނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ރަނގަޅު ކާމިޔާބުތަކެއް ހޯދައި އަދި ލޯނު ދޫކުރެވުނު މިންވަރު ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓި، ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 247 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރ އަށްވުރެ %35 މަތީ އަދަދެކެވެ.

މި ކުއާޓަރގައި ބީއެމްއެލްއިން ވަނީ އަތޮޅުތެރޭގައި 3 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ހުޅުވާފައެވެ. އަދި މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސާވިސް ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފައެވެ. މިއަހަރު ނިމުމުގެ ކުރިން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް 150 ވަޒީފާ އުފެއްދުމަށް ބޭންކުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާނެކަމުގެ ޔަގީންކަން ވަނީ ލިބިފައެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ވޯލްޑް އެޗްއާރޑީ ކޮންފަރެންސް އަދި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓުން ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި، އެކަން ފާހަގަކޮށް "އޭޝިޔާސް ލީޑިންގ އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ދީފައެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ "މި އަހަރު ފެށުނުއިރު އަޅުގަނޑުމެން މަސައްކަތްކުރަމުންދިޔަ ކާމިޔާބު ދުވެލީގައި އަހަރުގެ ބޮޑު ބައިގެ ވިޔަފާރި ކުރިއަރައިދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކުއާޓަރގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އަޒުމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މިދަނޑިވަޅުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ދެއްވާ އިތުބާރަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހީވާގި ކަމާއި އަދި މަސައްކަތަށް އަހުމިއްޔަތުކަން ދީގެން ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. މި އަހަރު ކާމިޔާބު ކަމާއެކު ނިންމާލުމަށް އަޅުގަނޑުމެން ގަދަ އަޅާ މަސައްކަތް ކުރަމުންދާނަން."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 31 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 90 އޭޓީއެމް، 4600 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް