ބ. ހިބަޅިދޫ ބަލައި ފާސްކޮށް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތިޔާރުތަކުގެ ތެރެއިން ދެ ހަތިޔާރަކީ އެމްއެންޑީއެފްގެ އާމަރީއަށް ނިސްބަތްވާ ދެ ހަތިޔާރުކަމަށް ސަލާމަތީ ބާރުތަކުން ބުނެފި އެވެ.
ސަލާމަތީ ބާރުތަކުން މިހެން ބުނެފައިވަނީ ސަލާމަތީ ބާރުތަކުން ފުލުހުންގެ އިސްކަންދަރުކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ކެޕްޓަން އިހުސާޏް ވިދާޅުވީ އެ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ އޭކޭ ސީރީޒްގެ ބަޑިއާއި ބެންފީ 5 އަކީ އެމްއެންޑީއެފްގެ އާމަރީއަށް ނިސްބަތްވާ ހަތިޔާރުކަން ތަހުގީގަށް އެނގިފައި ވާކަމަށެވެ. އަދި އެ ހަތިޔާރުތައް ސިފައިންގެ ތެރެއިން ބޭރުވެފައިވާ މައްސަލައިގެ ތަހުގީގެއް ކުރެވެމުން ދާކަމަށާއި އެތަހުގީގު ކުރަނީ މިލިޓަރީ ޕޮލިހާއި އަދި ޗީފް އޮފް ޑިފެންސްފޯސްގެ ބެއްލެވުމުގެ ދަށުން ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
މި ނޫސްކޮންފަރެންސްގައި ސަލާމަތީ ބާރުތަކުން ވަނީ ހިބަޅިދޫގެ ހިއްސާދާރުންގެ މައުލޫމާތުވެސް އާންމު ކޮށްފަ އެވެ. އޭސީޕީ ނަވާޒް ވިދާޅުވީ ހިބަޅިދޫގެ ހަތަރު ޝެއާހޯލްޑަރުންނަކީ މުހައްމަދު ރިޔާޒް ކިޔާ މީހަކާއި ޝަހީދާ އަބްދުﷲ ކިޔާ މީހަކާއި މުހައްމަދު އައްލާމް ލަތީފްގެ އިތުރުން ގްލާޑިއަން ކިޔާ ކުންފުންޏެއް ކަމަށް ނަވާޒް ވިދާޅުވި އެވެ. އަދި ގްލާޑިއަން ކުންފުނީގެ ދެ ހިއްސާދާރުންނަކީ ނަސްރާ މުހައްމަދު ކިޔާ މީހަކާއި މަރިޔަމް ރިއުޝާ ކިޔާ މީހެއް ކަމަށްވެސް ނަވާޒް ވިދާޅުވި އެވެ.
ކެޕްޓަން އިހުސާން ވިދާޅުވީ މި ހަތިޔާރުތައް ފެނުނު ހިސާބުން ސިފައިންގޭގެ ހަތިޔާރުގެ ލިސްޓާއި އަދި ސިފައިންގޭގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ އެއްޗެއްގެ އޮޑިޓް ކުރެވެމުން އެބަދާ ކަމަށް ވިދާޅުވި އެވެ. އަދި މި ހަތިޔާރުތަކަކީ ކުރީގަ ސިސްޓަމް ހުރިގޮތުން އާމަރީގެ އިސްކޮށް ތިއްބަވާ ބޭފުޅުން ބޭނުންފުޅުވެއްޖެ ހާލަތެއްގައި އެބޭފުޅުންގެ އިންޓެންޝަން ހުންނަވާގޮތަކުން އެ ކަނޑައެޅިފައި އޮންނަ އުސޫލުން ބޭރުން ގެންދެވިދާނެފަދަ ގޮތަކަށް ސިސްޓަމް ރޭވިފަހުރި ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
"މިހާރު ސިފައިންގޭގެ ހަތިޔާރުތައް ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރެވި އަދި ކުރީގަ ހުރި ސިސްޓަމްތައް ރިވައިސްކޮށް އަޅުގަނޑުމެންނަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅި، ސިފައިންގޭގެ ހަތިޔާރު ގުދަނުގެ ބެލެހެއްޓުމުގައި ހުރި ހުރިހާ ހަތިޔާރެއް ފުލީ އެކައުންޓަބަލްކޮށް ހުރިހާ އިރެއްގައި ހުންނާނެ ކަމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަން،" އިހުސާން ވިދާޅުވި އެވެ.
އިހުސާން އިތުރަށް ވިދާޅުވީ މިހާރު ލިބުނު މައުލޫމާތުގެ ދަށުން ޗީފް އޮފް ޑިފެންސްފޯސްގެ ބެއްލެވުމުގެ ދަށުން މިލިޓަރީ ޕޮލިހުންނާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ވަރަށް ފުރިހަމަ ތަހުގީގެއް، ހަތިޔާރުތައް ސިފައިންގެ ހަތިޔާރު ގުދަނުން ބޭރުވެފައިވާ ގޮތާއި މިކަމުގައި ހިމެނޭ މީހުންނާއި އަދި މިކަން ދިމާވާން ސިސްޓަމްތެރޭގައި ހުރި ގޮތްތައް، ހުރިހާއެއްޗެއް އެންމެ ފުނަށް ތަހުގީގުކޮށް އެކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން މިހާރުން މިހާރަށް ކުރިއަށްގެންދާ ވާހަކަ ދިވެހި އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ސިފައިންގެ ހަތިޔާރު ގުދަނާ ގުޅޭގޮތުން ދިމާނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް