ބ.ހިބަޅިދޫ ގެ ނެރުކައިރިއަށް ވަޅުލާފައިވާ ގިނަ ޢަދަދެއްގެ ހަތިޔާރު ތަކެއް ހޯދައިފިއެވެ.
ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ހިބަޅިދޫގައި ވޭތުވެދިޔަ 3 ދުވަހު ހިންގާފައިވާ އޮޕްރޭޝަނުން އިއްޔެގެ ވަގުތެއްގައި ގިނަ ޢަދަދެއްގެ ހަތިޔާރު ތަކެއް ފެނިފައިވާ ކަމަށާއި އެގޮތުން ފެނުނު 3 ބަޑީގެ ތެރޭގައި އޭކޭ ސީރީޒްގެ ޓައިޕް 56ގެ ފުލް ސިސްޓަމާއި 43 ވަޒަން ހިމެނޭ ކަމަށެވެ.
އަދި ބްރޯނިންގ ފިސްތޯލަ އަކާއި އާދައިގެ ފިސްތޯލައެއްގެ އިތުރަށް 2 ހޭންޑް ގްރެނޭޓާއި ގޮވާ ބައެއް ތަކެއްޗާއި ރިމޯޓުން ބޮން ގޮއްވަން ބޭނުންވާ ބައެއް ތަކެއްޗާއި ބޮން ހެދުމަށް ބޭނުންވާ ބައެއް ތަކެތިވެސް ވަނީ އެރަށުން ހޯދާފައެވެ.
ކޯޓު އަމުރެއްގެ ދަށުން އެއްމަސް ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ހިބަޅިދޫ ގެނެސްފައިވީ ނަމަވެސް އެރަށުގައި ހިންގި އޮޕަރޭޝަނާއި ގުޅުން ހުރި މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ޔަގީން ކޮށްދީފައެއް ނުވެއެވެ.
ރިޔާސީ ލޯންޗު ފިނިފެންމާގައި ބާރުގަދަ އެއްޗެއް ގޮއްވާލި ޙާދިޘާގެ ތަޙުޤީޤަށް މިހާތަނަށް ހައްޔަރު ކޮއްފައިވަނީ ނައިބު ރައީސް އަހުމަދު އަދީބް ޢަބްދުލްޤަފޫރާއި ސިފައިންގެ އެސްޕީޑީގެ އިސްވެރިއަކަށް ހުންނެވި ކަރނަލް އަހުމަދު ފަޔާޒު (ޕާޕާ) އާއި ނައިބު ރައީސް އަދީބުގެ ބޮޑީގާރޑު އަހުމަދު އާމިރާއި ކޯޕްރަލް ޝިބާހު ހުސައިން އެވެ.
އަދި މީގެ އިތުރުން ބައެއް ގޭގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެ ތަންތަނުންވެސް މީހުން ހައްޔަރު ކޮށްފައިވީ ނަމަވެސް އެމީހުންގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުން ހިއްސާ ކޮއްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް