މާދަމާއިން ފެށިގެން ގްރީން ޓެކްސް ނަގަން ފަށަނީ

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުން އަލަށް ތަޢާރަފު ކުރެވޭ ގްރީން ޓެކްސް، މިރޭގެ 00:00 އިން ފެށިގެން ނަގާނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިނ...

31 Oct 2015 | 11:34

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުން އަލަށް ތަޢާރަފު ކުރެވޭ ގްރީން ޓެކްސް، މިރޭގެ 00:00 އިން ފެށިގެން ނަގާނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަޢުލޫމާތު ދެއްވައިފިއެވެ.

ގްރީން ޓެކްސް ނެގުމަށް ހަމަޖެހިފައި ވަނީ ޓޫރިސްޓް ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

މީރާއަށް ގްރީން ޓެކްސް ބަޔާނާއެކު އިންފޮރމޭޝަން ޝީޓް ހުށަހަޅައި ފައިސާ ދައްކަންޖެހެނީ ކޮންމެ ކަލަންޑަރު މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިންނެވެ. މީރާއިން ހާމަކުރި ގޮތުގައި ގްރީން ޓެކްސް ނަގަންޖެހޭ ފަރާތްތައް އަހުލުވެރިކުރުވުމުގެ ގޮތުން އެ އޮތޯރިޓީއިން ވަނީ ޚާއްސަ ހަރަކާތްތަކެއް ހިންގާފައެވެ.

މިގޮތުން އެ ފަރާތްތަކަށް ޚާއްސަކުރެވިގެން 13 އޮކްޓޫބަރުގައި ސެމިނަރއެއް ހިންގުމާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކޮންމެ ދުވަހަކު ވެސް ހިންގަމުންދާކަމަށް އެ އޮތޯރިޓީއިން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން މީރާގެ ވެބްސައިޓް www.mira.gov.mv އާއި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް މެދުވެރިކޮށްވެސް ގްރީން ޓެކުހާ ގުޅޭ މައުލޫމާތު ފޯރުވައިދެމުން ދާ ކަމަށް މީރާއިން ހާމަކުރެއެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ރަސްމީ ގަޑީގައި 1415 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް